އޮކްސްފޯޑް އަދި އެސްޓްރަޒެނެކާއިން ލައިސެންސް ދީގެން، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ހަދާފައިވާ ކޮވިޝީލްޑް ވެކްސިނުގެ އެއް ލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާ ކުރުމުގެ ސަބަބުން، ރާއްޖޭގެ ވުޒާރާތަކުގެ އިސްވެރިންގެ ތައުރީފު އިންޑިއާއަށް އޮހެން ފަށައިފިއެވެ.

އެގޮތުން، ކޮވިޝީލްޑް ވެކްސިން ފޯރުކޮށްދީފައި ވާތީ، އިންޑިއާއަށް ތައުރީފު ކުރައްވާ، ޝުކުރު އަދާ ކުރެއްވި މިނިސްޓަރުންގެ ތެރޭގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ، ފިޝަރީސް މިނިސްޓަރު ޒަހާ ވަހީދު އަދި ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފްގެ އިތުރުން ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ހިމެނެއެވެ.

އިންޑިއާއަށް ޝުކުރު އަދާ ކުރައްވާ މިނިސްޓަރު މާރިޔާ ވިދާޅުވީ، އިންޑިއާއިން ރާއްޖެ ފަދަ އަވަށްޓެރި ގައުމުތަކަށް ވެކްސިން ފޯރުކޮށް ދިނީ އެއްވެސް ބޮޑާކަމެއް ނެތި ކަމަށެވެ. އަދި އެކަމަށްޓަކައި ރާއްޖެ ޝުކުރުވެރިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރު ޒަހާ ވިދާޅުވީ، އިންޑިއާގެ ސަރުކާރުންނާއި އެގައުމުގެ ރައްޔިތުން ރާއްޖެއަށް ދިނީ ވަރަށް ދީލަތި އެހީއެއް ކަމަށެވެ. އަދި މި ބަލިމަޑުކަމުގައި އެއް ގައުމު އަނެއް ގައުމަށް އެހީތެރިވުމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ނަމޫނާ ދައްކަވާފައި ވާ ކަމަށާއި، މި ބަލިމަޑުކަމުން އަރައިގަންނާނީ އެކުގައި ކަމަށް ޒަހާ ވިދާޅުވިއެވެ.

އިންޑިއާގެ ސަރުކާރަށާއި ބޮޑުވަޒީރު މޯދީއަށް ޝުކުރު އަދާކުރައްވާ މިނިސްޓަރު މަހްލޫފް ވިދާޅުވީ ރާއްޖެއަކީ އިންޑިއާއިން ވެކްސިން ލިބުނު ފުރަތަމަ ގައުމު ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ބޮޑުވަޒީރު މޯދީގެ ގާތް ގުޅުމާއެކު، އިންޑިއާ އަކީ ރާއްޖޭގެ އެންމެ ގާތް ރަހްމަތްތެރިޔާ ކަމާއި، އެކަން އެގޮތުގައި ދަމަހައްޓާނެ ކަން ސާބިތުކޮށް ދީފައި ކަމަށް މަހްލޫފް ވިދާޅުވިއެވެ.

ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެއަށް ފޯރުކޮށް ދިނީތީ އިންޑިއާގެ ސަރުކާރަށާއި ބޮޑުވަޒީރު މޯދީއަށް ޝުކުރު އަދާކުރައްވާ މިނިސްޓަރު ޔުމްނާ ވިދާޅުވީ އަސްޓްރާޒެނެކާ ކޮވިޝީލްޑް ވެކްސިނަކީ ލިބުނު އާ އުއްމީދެއް ކަމަށެވެ. އަދި މި ދަތި ދުވަސްވަރުގައި ރައީސް ސޯލިހާއި، ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކުން ދެއްކި އިސްނެގުމާއި ހިތްވަރަށް ޔުމްނާ ވަނީ ސާބަސް ދެއްވާފައެވެ.

އިއްޔެ ގެނައި 1 ލައްކަ ޑޯޒްގެ ވެކްސިނުން ޖެހޭނީ 50،000 މީހުންނަށް ކަމަށް އެޗްއީއޯސީން ބުނެއެވެ. އެއީ މީހަކަށް 2 ޑޯޒްއެވެ. ދެވަނަ ޑޯޒް ޖަހަން ޖެހޭނީ ފުރަތަމަ ޑޯޒް ޖެހުމުގެ 4-12 ހަފްތާ ފަހުންނެވެ. އަދި 18 އަހަރުން ދަށުގެ ކުޑަކުދިންނާއި މާބަނޑު އަންހެނުން، އަދި ގާތުން ކިރުދޭ މައިންނަށް މި ވެކްސިން ދިނުމުގެ ކުރިން ހާއްސަ ސިއްހީ ތަހުލީލުތަށް ކުރަން ޖެހެއެވެ. މި ވެކްސިން ގުދަން ކުރާއިރު ފިނިހޫނުމިން ހުންނަން ވާނީ 2-8 ސެންޓިގްރޭޑާ ދެމެދުގައެވެ.

އެޗްއީއޯސީން މައުލޫމާތު ދޭ ގޮތުގައި، މި ވެކްސިން ރައްޔިތުންނަށް ދޭނީ ރާއްޖޭގައި ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބަލާ ހުރިހާ މިންގަޑުތަކަކަށް ބެލުމަށް ފަހު އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިތީގެ ހުއްދަ ލިބުމުންނެވެ. މި ވެކްސިން ޖެހުމުން، ހުން އައުން، ވެކްސިން ޖެހި ތަނަށް ތަދުވުން، އަދި އެލާޖީ އެއް ވެދާނެ ކަމަށް އެޗްއީއޯސީން ބުނެއެވެ. އެ ސެންޓަރުން ބުނީ ވެކްސިން ޖެހުމުން ދިމާވެދާނެ ސައިޑް އިފެކްޓަކަށް ނުވަތަ އެލާޖީއަށް އެ ސެންޓަރުން ތައްޔާރުވެފައި ވާހަކަމަށެވެ.