ލ. ފޮނަދޫ މަގު ހެދުމުގެ މަޝްރޫގެ ދެވަނަ ފިޔަވަހި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

އެމްޓީސީސީން ބުނީ ލ. ފޮނަދޫ މަގު ހެދުމުގެ މަޝްރޫގެ ދެވަނަ ފިވަހީގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރުމަށް މިއަދު ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާ ކަމަށެވެ.

އެ މަޝްރޫގެ ދަށުން، ފޮނަދޫގެ 3.64 ކިލޯ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި، ފެން ހިންދާ ނިޒާމެއް ގާއިމު ކުރުމާއި، މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ. އެ މަޝްރޫގެ އަގަކީ 53.99 މިލިއަން ރުފިޔާ ކަމަށާއި އެ މަޝްރޫކީ 390 ދުވަސް ތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީގެ ފަރާތުން އެ މަޝްރޫގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސާ އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ.

މި މަޝްރޫއުގެ އިތުރުން މިއަދު އެމްޓީސީސީއަސް ވަނީ ހއ. ހޯރަފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއެއްގައި ވެސް ސޮއިކޮށްފައެވެ.