އުމުރުން 16 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފިއެވެ.

މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ޖެންޑާ މިނިސްޓްރީން ބުނީ، ދެކުނުގެ އަތޮޅަކުން އެ ބާވަތުގެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި ހިމެނޭ ކުޑަކުއްޖާއަށް ބޭނުންވާ ރައްކާތެރިކަން މިނިސްޓްރީން ފޯރުކޮށްދީފައި ވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ޖެންޑާ މިނިސްޓްރީން އިތުރަށް ބުނީ، މި މައްސަލަ ފުލުހުންނާއި ގުޅިގެން ބަލަމުންދާ ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، އެފަދަ މައްސަލައެއް ފުލުހުންނަށް އަދި ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި އެފަދަ ވާހަކަތަކެއް ރަށުތެރޭގައި ދައްކަމުންދާ ކަމުގެ މައުލޫމާތު ލިބިފައި ވާތީ، އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ދެކުނުގެ ރަށެއްގައި އުމުރުން 16 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައި ވަނީ އެ ކުއްޖާގެ ޓީޗަރެކެވެ.

ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލާ މައްސަލަތަކެކެވެ. އެހެންކަމުން ކުއްޖާގެ ކަރާމާތް ރައްކާތެރި ކުރުމަށް ކުއްޖާގެ ވަނަވަރު ނުވަތަ ކުއްޖާގެ ރަށާއި އަތޮޅު އަދި މައްސަލަ ހުށަހަޅާ ރަށާއި އަތޮޅު ފުލުހުން އަދި ޖެންޑާ މިނިސްޓްރީން ވެސް އާންމެއް ނުކުރާނެއެވެ. މިފަދަ މައްސަލަތަކުގައި ވަނަވަރު އާންމު ކުރުމަކީ ކުށެކެވެ.