ގއ. ދާންދޫ އިން 1 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ދާންދޫ އިން މިއަދު ޕޮޒިޓިވްވި 1 އަހަރުގެ ކުއްޖާ މިހާރު ވަނީ އެ އަތޮޅު ކޮވިޑް ފެސިލިޓީއަށް ބަދަލުކޮށްފައެވެ. 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ގއ އަތޮޅު ހޮސްޕިޓަލިގެ މެނޭޖަރު ޝަރީފް އަހްމަދު ވިދާޅުވީ ދާންދޫއިން ޕޮޒިޓިވް ވެގެން ކޮވިޑް ފެސިލިޓީއަށް ގެންދިޔަ ކުއްޖާގެ ހާލަތު މިހާރު ރަނގަޅު ކަމަށެވެ. އެ ކުއްޖާ ކޮވިޑް ފެސިލިޓީއަށް ގެންގޮސްފައި ވަނީ ހުން ގަދަވެ، ނޭވާލުމުގައި އުނދަގޫތަކެއް ހުރުމުންނެވެ.

ދާންދޫން މިއަދު ތުއްތު ކުއްޖަކު ޕޮޒިޓިވް ވެފައިވާއިރު، އިއްޔެ އެ ރަށުން ވަނީ އިތުރު 2 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެރަށު ކައުންސިލްގެ ރައީސް އިސްމާއިލް މުހައްމަދު 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވަނީ ވިދާޅުވެފައެވެ. އެއީ 21 އަހަރުގެ އަންހެނަކާއި، 46 އަހަރުގެ އަންހެނެކެވެ. މިއާއެކު ދާންދޫން ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު ވަނީ 9 އަކަށް އަރާފައެވެ. އޭގެ ތެރެއިން 2 މީހަކާއި ތުއްތު ކުއްޖަކަށް ދަނީ އެ އަތޮޅު ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންނެވެ.

ގއ ކޮވިޑް ފެސިލިޓީގައި މިހާރު ޖުމްލަ 9 މީހަކަސް ފަރުވާ ދެމުންދާއިރު، އެއީ ހައްތަހާ ވެސް ދެއްވަދޫ ކްލަސްޓާއިން ޕޮޒިޓިވްވި މީހުންނެވެ. އެ މީހުންގެ ގެ ތެރެއިން ދެ މީހަކު އިތުރު ފަރުވާއަށް މާލެ ބަދަލު ކުރުމުގެ ވާހަކަ ވެސް ކުރިން ފެންމަތިވިއެވެ. ނަމަވެސް އެ މީހުންގެ ހާލަތު ހުރިގޮތުން އޮކްސިޖަން ގުޅާއިގެން ދަތުރު ކުރުމަކީ އެހާ ރަނގަޅު ކަމެއް ނޫން ކަމުން މާލެ ނުގެންދާ ގޮތަށް ނިންމާފައިވާ ކަމަށް އެ ފެސިލިޓީން މައުލޫމާތު ދެއެވެ.

ދާންދޫގެ ކޮވިޑް ހާލަތަށް ބަލާލާއިރު، 52 އަށްވުރެ ގިނަ ގެ ވަނީ ކަރަންޓީނު ކޮށްފައެވެ. އަދި އެ ރަށުން ރެންޑަމް ސާމްޕަލްތަކެއް ނަގާފައިވީ ނަމަވެސް އޭގެއިން އެއްވެސް ސާމްޕަލެއް ޕޮޒިޓިވްވެފައި ނުވެއެވެ. ހަމައެއާއެކު އެރަށު ކައުންސިލުގެ އިސްވެރިން ހިމެނޭހެން ގިނަ ބަޔަކު ވަނީ ކަރަންޓީނު ކޮށްފައެވެ. އަދި ސިއްހީ މަރުކަޒުގެ ވެސް ބައެއް ސްޓާފުން ޕޮޒިޓިވްވުމާ ގުޅިގެން، ސިއްހީ މަރުކަޒަށް ވެސް ވަނީ ސްޓާފުންގެ ދަތިކަމެއް ކުރިމަތިވެފައެވެ.

މިކަމާ ހެދި ގއ ވިލިނގިލިން އެރަށަށް ޑޮކްޓަރުންނާއި ނަރުހުން އަދި ޕާމަސިސްޓަކު ފޮނުވާފައި ވާއިރު، ދަތިތަކާއެކު ވެސް ރަށުގެ މުހިންމު އިދާރާތަކުގެ މަސައްކަތް ކުރިއަށް ގެންދަމުންދާ ކަމަށް ކައުންސިލް ރައީސް މައުލޫމާތު ދެއްވައެވެ. އޭނާ ވިދާޅުވީ ރަށުގެ މުހިންމު އިދާރާތަކުގެ ވެރިން ކަރަންޓީނު ވެގެން ތިބި ކަމުގައި ވިޔަސް، ކަންކަން ރާވާފައި އޮންނަނީ އެތަނެއްގައި ތިބި ބަޔަކަށް ކަންކަން ކުރެވޭނެހެން ކަމަށެވެ. އަދި ރަށަށް އެހީތެރިކަން ބޭނުން ވެއްޖެނަމަ، އެ އެހީތެރިކަން އަތޮޅުގެ ރަށްތަކުން ފޯރުކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލް ރައީސް އިސްމާއިލް މުހައްމަދު ވިދާޅުވީ، އެ ދާއިރާގެ މަޖިލިސް މެންބަރާއި އެހެނިހެން މަތީ ފަންތީގައި ތިއްބަވާ ރަށުގެ ބޭފުޅުން ވެސް ރަށުގެ ހާލަތު ގާތުން ބަލަމުންދާ ކަމަށެވެ.