ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް ޖަޕާނު ސަރުކާރުން 5.6 މިލިއަން ޑޮލަރުގެ އާލާތްތައް، ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ.

މިއަދު މުޅި ދުނިޔެއަށް ކުރިމަތިލާން ޖެހިފައިވާ ކޮރޯނަވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު ރާއްޖޭގައި ގާއިމު ކުރި ހެލްތު އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި، ޖަޕާނުގެ ފަރާތުން މި އެހީ، ރާއްޖެއާއި ހަވާލު ކޮށްދެވީ، އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކޭކޯ ޔަނާއީއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގަތީ ސިއްހަތާ ބެހޭ ވަޒީރު އަހުމަދު ނަސީމުއެވެ.

ޖަޕާނު އެމްބަސީއިން ހަބަރު ދޭ ގޮތުގައި މިއަދު ފޯރުކޮށްދިން އެހީގެ ޝިޕްމަންޓްގައި، 65 ބެޑްސައިޓް މޮނިޓަރާއި، ފަސޭހަ ކަމާއެކު އެއްތަނުން އަނެއްތަނަށް އުފުލާ ހެދޭ އަލްޓްރާ ސައުންޑް މެޝިންގެ 19 ޔުނިޓް ހިމެނެއެވެ. މީގެ އިތުރުން، 19 ޑީފައިބްރިލޭޓަރާއި، ޕޯޓަބަލް އެކްސް-ރޭ މޭޝިނުގެ 10 ޔުނިޓާއި، 132 ސިރިންޖު ޕަމްޕާއި، ސިރިންޖު ޕަމްޕާ ގުޅޭ އަލާތްތަކުގެ 132 ޔުނިޓް ހިމެނޭ ކަމަށް އެމްބަސީއިން މައުލޫމާތު ދެއެވެ.

ޅ އަތޮޅު ހޮސްޕިޓަލް

600 މިލިއަން ޖަޕަނީޒް ޔެން ނުވަތަ، ގާތްގަނޑަކަށް 5.6 މިލިއަން ޑޮލަރުގެ އެހީގެ އެކްސްޗޭންޖް އޮފް ނޯޓްސްގައި ދިވެހި ސަރުކާރާއެކު ޖަޕާނުން ސޮއި ކުރީ 2020 ވަނަ އަހަރުގެ ޖޫން މަހުއެވެ.

ޖަޕާނު ސަރުކާރުން ފޯރުކޮށްދިން މި އެހީއަކީ އަތޮޅު ތެރޭގެ ހޮސްޕިޓަލުތަކާއި ސަރަހައްދީ ހޮސްޕިޓަލުތަކުގެ ތަރައްގީއަށް އަމާޒުކޮށްގެން ފޯރުކޮށްދިން އެހީއެއް ކަމަށް ޖަޕާނު އެމްބަސީއިން މައުލޫމާތު ދެއެވެ. މީގެ އިތުރުން ކޮވިޑް-19ގެ އިޖާބައަށްވެސް މި އެހީ ބޭނުން ކުރެވޭނެ ކަން ޖަޕާނުން ވަނީ ހާމަކޮށްފައެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ކުރިމަތިލާން ޖެހިފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކާރިސާއަކީ، މި ކާރިސާއިން ކުރާ އަސަރު ކުޑަކޮށް، ވައިރަސް ކޮންޓްރޯލް ކުރުމަށްޓަކައި އެއްބަޔަކު އަނެއް ބަޔަކާ ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލަނިވި ކަމެއް ކަން ޖަޕާނުން ފާހަގަ ކުރެއެވެ.

ރަށަށް ކޮވިޑް ފެތުރިފައި ވޭތޯ ބެލުމަށް ކުޅުދުއްފުށީގައި ރެންޑަމް ސާމްޕަލް ނަގަނީ / ފޮޓޯ: ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް

ޖަޕާނު ސަރުކާރުން މިއަދު ފޯރުކޮށްދިން އެހީއާއެކު ރާއްޖޭގެ ސިއްހީ ނިޒާމަށް އިތުރު ކުރިއެރުންތަކެއް ލިބި، މި ދާއިރާގެ ތަރައްގީއަށް އިތުރު އެހީ ފޯރުކޮށްދިނުމަށް ޖަޕާނު ސަރުކާރުން އުއްމީދު ކުރާ ކަމަށްވެސް ޖަޕާނު އެމްބަސީއިން ފާހަގަ ކުރެއެވެ.

ޖަޕާނަކީ ރާއްޖޭގެ ތަރައްގީ މަޝްރޫއުތަކުގައި މުހިންމު ބައިވެރިއެކެވެ. ދޭދޭ ގުޅުންތައް ބަދަހި ކުރި ފަހުން، ޖަޕާނުގެ ދީލަތި އެހީތައް، ސިލްސިލާ ގޮތެއްގައި ރާއްޖެއަށް ލިބެއެވެ. އެގޮތުން، ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު ޖީ-20 ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވްއާ ގުޅޭ އެކްސްޗޭންޖް އޮފް ނޯޓްސްގައި ވަނީ 2020 ވަނަ އަހަރު ނިމެންދަނިކޮށް ސޮއިކޮށްފައެވެ.

ދިވެހި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ ރާއްޖެއާ ޖަޕާނާ ދެމެދު އޮންނަ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. ކަނޑުފޭރުމާ، ހައްދުފަހަނައަޅައި ދިޔުމާ، މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމުގެ އިތުރުން އިންޑިއާ ކަނޑުގެ ސަލާމަތާ ގުޅޭ ކަންކަމުގައި ދެގައުމު އިތުރަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.