ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް، ކުރޫގައި ހިމެނޭ ހުރިހާ މެމްބަރުންނަށް ވެކްސިން ފޯރުކޮށްދޭ ފުރަތަމަ ކުންފުންޏަށް ވުމަށް، ސިންގަޕޯ އެއާލައިންސް (އެސްއައިއޭ) އިން އަމާޒު ހިފައިފިއެވެ.

ސިންގަޕޫރުގެ ގައުމީ އެއާލައިނުން ބުނީ، ސިންގަޕޫރު ސަރުކާރުން އެއްވެސް އަގަކާ ނުލާ ވެކްސިން ފޯރުކޮށްދިނުމަށް ހުށަހަޅާފައި ވާ ކަމަށެވެ. އެގޮތުން، ޕައިލެޓުންނާއި، ގޭޓު އޭޖެންޓުންނާއި، ފްލައިޓް އެޓަންޑުންގެ އިތުރުން އާންމުންނާ މުއާމަލާތު ކުރަންޖެހޭ ހުރިހާ މަގާމެއްގައި ތިބި މެމްބަރުންނަށް ވެކްސިން ހުށަހަޅާފައި ވާ ކަމަށް ސިންގަޕޯ އެއާލައިންސްއިން ވަނީ ކަށަވަރު ކޮށްދީފައެވެ.

ސިންގަޕޫރުން ވަނީ ފައިޒާ ކުންފުނިން ތަރައްގީ ކޮށްފައިވާ ވެކްސިން ޑޯޒްތައް ގަނެފައެވެ.

ސިންގަޕޯ އެއާލައިންސްގެ ސީއީއޯ ޗޫން ފޮންގް ވިދާޅުވީ ކޮވިޑް-19 އާ ދެކޮޅަށް އެގައުމުން ހިންގާ ވެކްސިން ހަރަކާތުގައި، ވައިގެ އުދުހުންތަކުގެ ސިނާއަތަށް ސަރުކާރުން ދޭ އަހައްމިޔަތުކަމަށް ޝުކުރުވެރި ވާ ކަމަށެވެ. މިކަމުން އަންގައިދެނީ އިގުތިސޯދު ހެޔޮ ފާލަކަށް އެޅުވުމުގެ މަސައްކަތާއި، ކޮވިޑް-19ގެ ބަލިމަޑުކަމާ ދެކޮޅަށް ވައިގެ އުދުހުންތަކުގެ ސިނާއަތުން އަދާ ކުރާ މުހިންމު ދައުރު ކަމަށްވެސް، ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ކުރެއްވި އީ-މެއިލްއެއްގައި ޗޫން ވަނީ ފާހަގަ ކުރައްވާފައެވެ.

ސިންގަޕޯ އެއާލައިންސްއިން ހަބަރު ދޭ ގޮތުގައި، އެސްއައިއޭގެ 5200 މުވައްޒަފަކު މިހާރުވެސް ވަނީ ވެކްސިން ހޯދުމަށް އެދި ދަފުތަރު ކޮށްފައެވެ.