އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލިޔަސް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިހާބު ބޭއްވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ދައުރުން ބޭރުގައި މިއަދު ބޭއްވި ޖަލްސާގައި އިންތިހާބާގުޅޭ ބައެއް މުއްދަތުތައް ކުރުކޮށް ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެންބަރު އަލީ ނިޔާޒް ހުށަހަޅުއްވާފައިވާ މިބިލު، ބަލައިގެންފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެންބަރުންގެ އިއްތިފާގުންނެވެ. އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

ކޮމިޓީއިން ބިލު ދިރާސާ ކުރުމަށް ފަހު ކެމްޕޭން ކުރުމަށް ހުޅުވާލާ މުއްދަތާއި، ރީރަޖިސްޓްރޭޝަނަށް ހުޅުވާލާ މުއްދަތާއި، ވޯޓުލާ މީހުންގެ ނަންތައް ހިމެނޭ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތާއި، ކެންޑިޑެސީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތުތައް ހިމެނޭ މާއްދާ އުވާލުމަށް ނިންމާ ބިލް ވަނީ އެކުލަވާލާފައެވެ.

އެ ކޮމިޝަނުން އެކުލަވާލި ވަގުތީ ގާނޫނުގައި ބުނާ ގޮތުން މި އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެއެވެ. ކޮމިޓީ މަރުހަލާގައި އެ މާއްދާ އިސްލާހު ކޮށްފައި ވަނީ އެ މުއްދަތުގައި އިންތިހާބު ބޭއްވުމަށް ހުރަސް އެޅޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ މުއްދަތު ހަމަވުމުގެ 30 ދުވަސް ކުރިން ސަބަބު ބަޔާންކޮށް މަޖިލީހަށް އިލެކްޝަނުން އަންގަން ވާނެ ކަމަށް ބަޔާން ކުރާ ގޮތަށެވެ.

އެ ގޮތަށް ކޮމިޓީއިން ފާސްކުރީ އެކަމާ ގުޅިގެން މަޖިލީހުގައި ތިއްބަވާ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުން ފާޑުވިދާޅުވެފައިވަނިކޮށެވެ. އެ ކޯލިޝަންގައި ބައެއް މެންބަރުން ވިދާޅުވި ގޮތުގައި، އިންތިހާބުގެ މުއްދަތުތައް ކުރުކުރުމަކީ މުޅި އިންތިހާބުގެ ސައްހަ ކަމާ މެދު ސުވާލު އުފެއްދުމުގެ ޖާގަ ލިބި ފަހުން ޝަރުއީ ކޯޓެއްގައި ދައުވާ ކުރެވޭނެ ކަމެކެވެ.

މިދިޔަ އަހަރުގެ އެޕްރީލް މަހުގައި ބޭއްވުމަށް ތައްޔާރު ވި ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައި ވަނީ ކޮވިޑް-19އާ ގުޅިގެންނެވެ. މި އިންތިހާބު އަންނަ މާޗު މަހުގެ 6 ވަނަ ދުވަހު ބާއްވަން އީސީން މަސައްކަތް ކުރަމުން އައި ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ފެބްރުއަރީ މަހަށް ދަންމާލުމާ ގުޅިގެން އެ ތާރީހުގައި އިންތިހާބު ނުބޭއްވޭނެ ކަމަށް އީސީން ބުނެއެވެ.

ނަމަވެސް މިހާރު ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އެޕްރީލް 3، 2021 ގައި ބޭއްވުމަށް އީސީން ވަނީ ތާވަލު ކޮށްފައެވެ.