ރިސޯޓުތަކުގެ ކުނި މޫދަށް އަޅާ މައްސަލަ ހައްލު ކުރަން ގަވައިދަށް ބަދަލު ގެންނަން ޖެހޭ ކަމަށް ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
އެ މައްސަލައާ ގުޅިގެން ސަލީމް ވިދާޅުވީ ރާއްޖޭގެ ބައެއް ރިސޯޓުތަކުން 389 ޓަނުގެ ކުނި އުފައްދާ ކަމަށާއި އޭގެ ތެރޭގައި ކުނިވާ ޒާތުގެ ގާތްގަނޑަކަށް 233 ޓަނުގެ ކުނި ދުވާލެއްގެ މައްޗަށް އުކާލާ ކަމަށެވެ.
ރިސޯޓުތަކަށް ކުނިވާ ޒާތުގެ އެއްޗެހި ކަނޑުގެ ފުން ސަރަހައްދު ތަކަށް އުކާލުމުގެ ހުއްދަ ލިބިފައިވާ ކަމަށާއި ނަމަވެސް މިހާރު ކުނި އަޅަމުން ދަނީ ގުދުރަތީގޮތުންވެސް ގެއްލުން ވަމުންދާ މިންވަރަށް ކަމަށެވެ. އެހެން ކަމުން އެ މައްސަލަ އަކީ މިހާރު ހައްލުކުރަން ޖެހިފައިވާ މައްސަލައެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓްރީއިން 2006 ވަނަ އަހަރު ގެޒެޓު ކުރި "ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވައިދު"ގެ 5.3.3 ގައިވާ ގޮތުން ކައިރި ހިސާބެއްގައި ކުނި އުކާލާނެ ތަނެއް ނެތް ހާލަތެއްގައި ކުނި ކަނޑަށް އަޅަން ޖެހިއްޖެ ނަމަ ކަނޑަށް އުކާލެވޭނީ ކާބޯތަކެތީގެ ބާކީ ބަޔާއި އަމިއްލައަށް ނެތިފަނާވެދާ ފަދަ ތަކެތި ކަމަށެވެ. އަދި އެ ތަކެތި އުކާލަން ޖެހޭނީ އޮޔާއި ވަޔަށް ބަލައި، ރަށްރަށަށް ނުލައްގާ ގޮތަށް އަދި އަތޮޅުން ބޭރަށް ދާ ގޮތަށް ކަމަށް އެ ގަވައިދުގައިވެއެވެ.
އެ ގަވައިދުން ބާރު ލިިބިގެން ބައެއް ރިސޯޓުތަކުގެ ކުނި މޫދަށް އަޅައެވެ. ގިނަ ރިސޯޓުތަކުން ކުނި އެގޮތަށް ނައްތާލަނީ އެހެން ބަޔަކާ ހަވާލުކޮށްގެންނެވެ. އެގޮތަށް އަޅާ ކުނީގެ ތެރޭގައި ނެތިފަނާވެދާ ފަދަ ކުނީގެ އިތުރުން ތިމާވެއްޓަށް ގެއްލުންދެނިވި ޕްލާސްޓިކް ކޮތަޅާއި ފުޅިތައްވެސް ބައެއް ފަހަރު ހިމެނެއެވެ. އަދި ރިސޯޓުތަކުން އުކާލާ ކުނި ރަށްރަށަށް ލައްގައި އެކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.
އެ މައްސަލައާ ގުޅިގެން އިއްޔެ ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް އެންވަޔަރަމެންޓް މިނިސްޓްރީ އާއި، އީޕީއޭ އާއި، ޓޫރިޒަމް މިނިސްޓްރީ އާއި، ވެމްކޯ އަދި މަޓީ ޖަމިއްޔާގެ ބޭފުޅުން ވަނީ ހާޒިރުކޮށްފައެވެ.
ކުނި މެނޭޖް ކުރުމާ ބެހޭ ގަވައިދު ހެދީ 2013 ވަނަ އަހަރެވެ. އެ ގަވައިދުގައިވާ ގޮތުން ރިސޯޓުތަކުގައި އުފެދޭ ކުންޏާ މެދު އަމަލު ކުރަންވާނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ހަދާ ގަވައިދުތަކާ އެއްގޮތަށެވެ. އެ ގަވައިދުގެ ދަށުން ޓޫރިޒަމް މިނިސްޓްރީގެ ގަވައިދަށް ބާރު ލިބެއެވެ.