ދެ ޒުވާނުން ވެސް މަސައްކަތް ކުރަމުން އަންނަނީ އެއްގަމު މަސް ވިއްކާ ފިހާރައެއްގައެވެ. 2 މީހުން ވެސް ދިރިއުޅެނީ އިންތިހާއަށް ބައިބޯވެ ތޮއްޖެހިފައިވާ އަވަށުގައެވެ. މިތަނުން އެކެއްގެ އަތުގައި، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އިސްރާއީލުން ފޯރުކޮށްދޭ ވެކްސިންގެ ނަސީބު ހިފިއެވެ. އަނެކާއަށް އަދި އެ ނަސީބެއް ނެތެވެ.
ދެ މީހުންނަކީ ފަލަސްތީނުގެ ރަށްވެހިންނެވެ. ދިރިއުޅެނީ އިރުމަތީ ގުދުސްގެ އަވަށެއް ކަމަށްވާ ކިފުރުން އަގިބާގައެވެ. ހުދުމުހުތާރު އިސްރާއީލުގެ ގާނުނު ބުނާ ގޮތުން މިއީ އިސްރާއީލުގެ އިހުތިސޯސްގެ ތެރޭގައި އޮތް އަވަށެކެވެ. ނަމަވެސް، ބައިނަލްއަގުވާމީ ގާނޫނުން މި ސަރަހައްދު މާނަ ކުރަނީ، އިސްރާއީލުން ގައިރު ގާނޫނީ ގޮތެއްގައި ހިސޯރުކުރި ސަރަހައްދުގެ ގޮތުގައެވެ. އުރުދުން އަތުން ފޭރިގަނެ، އިސްރާއީލުން މި ސަރަހައްދަށް ވެރިވެގަތީ، 1967ވަނަ އަހަރުއެވެ.
އިސްރާއީލުން ދަމާލި ބޮޑު ފާރާއެކު، މި އަވަށް އޮންނަނީ ގުދުސްއާއި ވަކި ކުރެވިފައެވެ. ޔަހޫދީ އިސްރާއީލުން މި ސަރަހައްދަށް ވަންނަނީ ވަރަށް މަދުންނެވެ. އަންނަ ފަހަރަކުވެސް އަންނާނީ އަސްކަރީ ޔުނިފޯމުގައެވެ. ކޮންމެވެސް ޒާތެއްގެ ރެއިޑެއްގައެވެ.
ކިފުރުން އަގިބާގެ އެތައް ހާސް ރަށްވެހިންނެކޭ އެއް ފަދައިން، މަހްމޫދު އޫދީގެ އައިޑެންޓިޓީ ކާޑަކީ ފަލަސްތީނުގެ ލިޔުމެކެވެ. އޭނާގެ އެކުވެރި އަނާން އަބޫ އައިޝޭގެ އަތުގައި އޮންނަނީ އިސްރާއީލުގެ ލިޔުމެކެވެ. އޭގައި ވާ ގޮތުން އޭނާ އަކީ އިރުމަތީ ގުދުސްގެ ދާއިމީ ރަށްވެއްސެކެވެ.
މިއާއެކު، ކޮވިޑް-19އާ ދެކޮޅަށް މުޅި ދުނިޔޭގައިވެސް އެންމެ ހަލުވި ދުވެލީގައި ހިންގާ ކަމަށް ބުނާ އިސްރާއީލުގެ ވެކްސިން މަޝްރޫއިން އަންނާން އަށް ފުރުސަތު ލިބެއެވެ. އިސްރާއީލު އަމާޒު ހިފާފައި އޮތީ މިއަހަރުގެ މާޗް މަހުގެ ނިޔަލަށް މުޅި އާބާދީއަށް ވެކްސިން ދީ ނިންމާލުމަށެވެ.
ކަން މިހެން އޮތް އިރު، ހުޅަނގު އައްސޭރިއާއި ގައްޒާގައި ދިރިއުޅެމުން އަންނަ 4.5 މިލިއަނެއްހާ ފަލަސްތީނު ރަށްވެހިންނަށް އެ ނަސީބެއް ނެތެވެ. ފަލަސްތީނުގައި ދިރިއުޅެމުން އަންނަ ފަލަސްތީނުގެ އެންމެ ރަށްވެއްސަކަށްވެސް އަދި ވެކްސިން ޑޯޒެއް ހާ ހިސާބުވެސް ނުލިބެއެވެ. ކައިރި މުސްތަގުބަލެއްގައި ލިބޭނެހެންވެސް ހީނުވެއެވެ.
މިހާލަތުގައި މަސްރަހު އޮތް އިރު، ވެކްސިން ލިބިގަތުމަކީ އޭނާގެ ހިތް ރުހޭނެ ކަމެއް ނޫން ކަމަށް އަނާން ބުނެއެވެ.
"މި ތަނުގައި އުޅޭ ދެބައިކުޅަ އެއްބައި މީހުންނަށް ވެކްސިނެއް ނެތް. އެހެންވެ އަހަރެން ވެކްސިން ނުޖަހަނީ. އެ މީހުންނަށް ނުލިބެންޏާ ކީއްކުރަން އަހަރެން ވަކި ވެކްސިން ޖަހަންވީ؟" ބައިނަލްއަގުވާމީ މީޑިއާއާ ވާހާކަ ދައްކަމުން އަނާން ބުންޏެވެ.
"މިއީ ހަމަ ނަސްލީ ތަފާތު ކުރުން" މަހްމޫދު ބުންޏެވެ.
އިސްރާއީލުގެ އައިޑެންޓިޓީ ކާޑު އޮންނަ މީހުންނާއި ފަލަސްތީނުގެ ކާޑު އޮންނަ މީހުންނާ މެދު އިސްރާއީލުން ގެންގުޅޭ ތަފާތު ކުރުންތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އދއިން ބުނެއެވެ.
އދގެ ތަޖުރިބާކާރުންގެ ޕެނަލަކުން އެކުލަވާލި ރިޕޯޓް ބުނާ ގޮތުގައި، 1967 ވަނަ އަހަރުން ފެށިގެން ގައްޒާއާއި ހުޅަނގު އައްސޭރި ކޮންޓްރޯލް ކުރަމުން އަންނަނީ އިސްރާއީލުން ކަމަށް ވާއިރު، އެސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަކީ އިސްރާއީލުގެ ޒިންމާއެކެވެ.
ހުޅަނގު އައްސޭރިއާއި ގައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނަށްވެސް ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް، އިންސާނީ ހައްގުތަކާ ބެހޭ އދގެ ހައިކޮމިޝަނަރުގެ އޮފީހުން އާންމު ކުރި ތަޖުރިބާކާރުންގެ ރިޕޯޓްގައި ވަނީ ގޮވާލާފައެވެ.
އިންވެގެން ދިރިއުޅެމުން އަންނަ އެއްބަޔަކަށް ވެކްސިން ދިނުމަށްފަހު އަނެއް ބަޔަކު ބަލީގެ ނުރައްކަލުގެ ތެރޭގައި ގެންގުޅުމަކީ ފިކުރީ ގޮތުންނާއި ގާނޫނީ ގޮތުންވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އދއިން ބުނެއެވެ.
ނަމަވެސް އިސްރާއީލުގެ ސިއްހަތާ ބެހޭ ވަޒީރު ޔޫލީ އެލްޑެސްޓީން ހުންނެވީ މިކަން ގަބޫލުކުރާ ފަދަ ގޮތަކަށް ނޫނެވެ.
"ތަފާސް ހިސާބުތައް ޖެހީ އިސްރާއީލުގެ ރަށްވެހިންނަށް ބަލައިގެން. އިސްރާއީލުގެ ރަށްވެހިންގެ ތެރެއިން ވެކްސިން ޖަހަން ބޭނުން ހުރިހާ އެންމެނަށް ވެކްސިން ޖަހާ ދިނުމަށްފަހު ބާކީ ހުރެއްޖެނަމަ އަވަށްޓެރިންނަށް ވެކްސިން ދޭން ތައްޔާރު" އެލްޑެސްޓީން ވިދާޅުވިއެވެ.
އެލްޑެސްޓީން ވިދާޅުވީ މިހާރު މިދައްކަނީ އިސްރާއީލުގެ ރަށްވެހިންނަށް ވެކްސިން ދޭ ވާހަކަ ކަމަށާ، އެހެން ބަޔަކަށް އިސްރާއީލުގެ ހަރަދުގައި ވެކްސިން ދޭން ޖެހޭ އެއްވެސް ޒިންމާއެއް އިސްރާއީލާ މަތިކޮށްފައި ނުވާނެ ކަމަށެވެ.
އޮސްލޯ އެކޯޑުން ފަލަސްތީނުގެ މަދަނީ ސަރުކާރެއް އެކުވާލުމަށް ބާރު ދޭ ކަން އެލްޑެސްޓީން ފާހަގަ ކުރެއްވިއެވެ. ނަމަވެސް އެއީ އެކަން ހިނގަންޖެހޭ ގޮތް ނޫންކަމަށް އދއިން ބުނެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ކޮވިޑް-19 ޖެހިގެން ފަލަސްތީނުގެ ބިންތަކާ އިރުމަތީ ގުދުސްއިން މަރުވާ މީހުންގެ ނިސްބަތަކީ 1.1 ޕަސެންޓެވެ. އިސްރާއީލުގައި މި އަދަދު އޮތީ 0.7 ޕަސެންޓްގައެވެ.
ފަލަސްތީނުގެ ސިއްހަތާ ބެހޭ ވަޒީރު ޑރ މާއީ އަލް-ކައިލީ ވިދާޅުވީ، މާޗް މަސް ނިމޭ ހިސާބަށް ވެކްސިން ލިބޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. ނަމަވެސް ވަކި ތާރީހެއް އަދި އެނގެން ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ކޮވިޑް ވެކްސިން ހޯދުމަށް 4 ކުންފުންޏަކާ އެކު ކޮންޓްރެކްޓް ހަދާފައި ވާ ކަމަށެވެ. ކޮންޓްރެކްޓްތަކުން ލިބޭނީ ފަލަސްތީނުގެ އާބާދީގެ 70 ޕަސެންޓަށް ވާ ވެކްސިން ކަމަށާ، ޑަބްލިއުއެޗްއޯއިން 20 ޕަސެންޓަށްވާ ވެކްސިން ލިބޭނެ ކަމަށް، ޖެނުއަރީ 9 ވަނަ ދުވަހު ފަލަސްތީނުގެ ސަރުކާރުން އާންމު ކުރި ބަޔާނެއްގައިވެއެވެ.
ކަން މިހެން އޮތް އިރު، ފަލަސްތީނުގެ ސިއްހީ ހިދުމަތްތެރިން ތިބީ މާޔޫސް ކަމުގެ ތެރޭގައެވެ. ނަފްސާނީ ގޮތުން ބަލިކަށިވެފައެވެ. އެކުގައި މަސައްކަތްކުރި އެތައް ބަޔަކު މި ބަލިމަޑުކަމުގައި މި ދުނިޔެއާއި ވަކިވެދިޔައިރު، ޖެހިގެން އޮތް ބިމުގައި ވެކްސިން މަޝްރޫއު ހިންގުމަކީ، މި ހިދުމަތްތެރިންގެ ހިތް ކުދިކުދި ކޮށްލާ މަންޒަރަކަށް ވަނީ ވެފައެވެ.