އާގުބޯޓެއްގައި ހުރި ފަޅުވެރިއަކު ހާލުދެރަވެ އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އައްޑޫސިޓީއަށް ގެންގޮސްދީފިއެވެ.

އެމްއެންޑީއެފުން ބުނީ އައްޑޫސިޓީގެ ދެކުނުން 311 ނޯޓިކަލް މޭލު ބޭރުކަނޑުން ދަތުރުކުރަމުންދިޔަ އާގު ބޯޓެއްގައި ހުރި ބޭރުގެ ފިރިހެން ފަޅުވެރިއެއްގެ ހާލު ދެރަވުމާ ގުޅިގެން އަވަސް ފަރުވާއަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު އައްޑޫސިޓީއަށް ގެންގޮސްދީފައިވާ ކަމަށެވެ.

"އެމްވީ ފެންގް ލޫ" ނަމަކަށް ކިޔާ އެ އާގުބޯޓްގައި ހުރި އުމުރުން 25 އަހަރުގެ އިންޑޮނޭޝިއާގެ ފިރިހެން ފަޅުވެރިއެއްގެ ހާލު ސީރިއަސްވެ ސިއްހީ އަވަސް ފަރުވާއަށް އެދި އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) ގެ އެހީތެރިކަމަށް އެދިފައިވަނީ ޖަނަވަރީ މަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 2:45 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެ ރިޕޯޓް ލިބުމާ ގުޅިގެން ރާއްޖޭގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައާއެކު އެ ބޯޓް މިއަދު ރާއްޖޭގެ ސަރަހައްދާ ކައިރި ކުރުމުން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު އެ ބަލިމީހާ މިއަދު މެންދުރު 12:20 ހާއިރު ވަނީ އައްޑޫސިޓީގެ ފޭދޫއަށް ގެންގޮސްދީފައިވާ ކަމަށެވެ.

އަދި އެ މީހާއަށް ފަރުވާދިނުމަށް އައްޑޫ އިކްއޭޓޯރަލް ހޮސްޕިޓަލަށް މިހާރު ގެންގޮސްފައިވާ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.