ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އާބާދީގެ ބޮޑު އިންސައްތައަކަށް ވެކްސިން ދެވުނު ކަމުގައި ވީ ނަމަވެސް، މި ހިނގާ 2021 ވަނަ އަހަރު، އޮސްޓްރޭލިއާގެ ބައިނަލްއަގުވާމީ ބޯޑަރުތައް މުޅިން ހުޅުވާނުލުން އެކަށީގެންވާ ކަމަށް ހަބަރު ލިބިއްޖެއެވެ.

އޮސްޓްރޭލިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން މިކަން ހާމަކޮށްފައި ވާއިރު، މި ދަނޑިވަޅުގައި އެ ގައުމުން އާ ލޯކަލް ކޭސްތަކެއް ރިޕޯޓް ކޮށްފައި ނުވާ ކަންވެސް ފާހަގަ ކުރަންޖެހެއެވެ.

އޮސްޓްރޭލިއާއިން ދަނީ ފައިޒާގެ ވެކްސިން ބޭނުން ކުރުމުގެ ސަބަބުން، ސިއްހީ ގޮތުން ކަންބޮޑުވާން ޖެހޭ ހާލަތެއް މެދުވެރިވެދާނެތޯ ފާރަވަމުން ކަންވެސް ފާހަގަ ކުރަންޖެހެއެވެ. އޮސްޓްރޭލިއާއިން މިކަމަށް ފާރަވެރި ވަނީ، ފައިޒާގެ ވެކްސިނާއެކު ނޯވޭއަށް ކުރިމަތިވި ހާއްސާ ހާލަތާ ގުޅިގެންނެވެ. އޮސްޓްރޭލިއާއިން އާންމު އުސޫލުން ވެކްސިން ދިނުމުގެ މަޝްރޫއު ފަށަން ތާވަލު ކޮށްފައި ވަނީ މިއަހަރުގެ ފެބުރުއަރީ މަހުއެވެ.

އޮސްޓްރޭލިއާގެ ނެފްރޮލޮޖިސްޓް އަދި ހެލްތު އެގްޒެޓިވް ބްރެންދަން މާފީ ވިދާޅުވީ، އާބާދީގެ ކިތަންމެ ބޮޑު އިންސައްތައަކަށް ވެކްސިން ދެވުނު ކަމުގައި ވީ ނަމަވެސް، ވައިރަސް ފެތުރުން ހުއްޓުވިދާނެ ކަން އަދިވެސް ނޭނގޭ ކަމަށެވެ.

އޮސްޓްރޭލިއާއަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ލޮކްޑައުންގެ ހަރުކަށި އަމުރުތައް ތަންފީޒު ކޮށްގެން، ބައިނަލްއަގުވާމީ ފެންވަރުގައި ކާމިޔާބީތަކެއް ހޯދާފައި ވާ ގައުމެކެވެ.