އިޓަލީ ވިލާތުން އެތެރެ ކުރި "ސަލާމީ" ގެ ބައެއް ބާވަތްތައް ތަޣައްޔަރުވެފައި ވާތީ، ރާއްޖޭގައި އެ ނުވިއްކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތީރިޓީ (އެފްޑީއޭ) އިން އަންގައިފިއެވެ.

އެފްޑީއޭން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖެއަށް އެތެރެކޮށްފައިވާ އިޓަލީގެ ސަލާމީ އަކީ "ސެލްމޮނެއްލާ" ޖަރާސީމުން ތަޣައްޔަރުވުމުގެ ފުރުސަތު އޮތް އުފެއްދުމެއް ކަމަށް ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑުން އަންގާފައިވާ ކަމަށެވެ. މި އެލާޓްގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރި ކަމަށް އޮތް ނުރައްކާ ދެނެގަތުމަށް އެ އޮތޯރިޓީން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެފްޑީއޭން ބުނެއެވެ.

އެ އޮތޯރިޓީން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިޓަލީން އެތެރެކުރި ކުކުޅާއި ޓާކީ ފިޔަވައި އެހެން އެއްގަމު މަހުގެ ބާވައްތައް ހިމެނޭ ސަލާމީ ވަކި ގޮތެއް އަންގަން ދެން ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އަންގާފައެވެ. ހަމައެއާއެކު، މިކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުން ނަމަ، އެ އޮތޯރިޓީގެ ނަންބަރު 3014361 އަށް ގުޅުމުން މައުލޫމާތު ސާފު ކުރެވޭނެ ކަމަށް ވެސް އެފްޑީއޭން ބުނެއެވެ.

ސެލްމޮނެއްލާ ޖަރާސީމަކީ އޭގެ ސަބަބުން ސެލްމޮނެއްލޯސިސް ކިޔާ ބައްޔެއް ޖައްސުވައިދޭ ޖަރާސީމެކެވެ. މި ޖަރާސީމުގެ ސަބަބުން ބޭރަށްހިންގުމާއި، ހުން އައުން އަދި ބަނޑުގައި ރިއްސުން ފަދަ ކަންކަން ދިމާވެއެވެ. އާންމު ގޮތެއްގައި މި ޖަރާސީމުން އިންފެކްޓްވާ މީހުންގެ ގައިން އަލާމާތްތައް ފެންނަން ފަށަނީ އާންމުކޮށް ހަ ގަޑިއިރާއި ހަ ދުވަހުގެ މުއްދަތަކުން ފަށައިގެންނެވެ. އަދި 4 ދުވަހާއި 7 ދުވަހުގެ މުއްދަތަށް އަލާމާތްތައް ދެމިހުރެއެވެ. ނަމަވެސް ބައެއް މީހުންގެ ގައިން އަލާމާތްތައް ގިނަ ދުވަސްފަހުން ވެސް ފެނެއެވެ. އަދި އަލާމާތްތައް އެތައް ހަފްތާއަކަށް ދިގުލައިގެން ވެސް ދެއެވެ.

ސެލްމޮނެއްލާގެ ސްޓްރެއިން ތަކުން ބައެއް ފަހަރު މީހާގެ ކުޑަކަމުދާ ތަކެތީގެ، ލޭގެ، ކަށިތަކުގެ އަދި ހުޅުތަކުގެ އިތުރުން ނާރުގެ ނިޒާމުގައި ވެސް އިންފެކްޝަން އުފައްދައެވެ. އަދި އޭގެ ސަބަބުން ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ބަލިތަކަށް ވެސް ބައެއް ފަހަރު މަގުފަހި ވެގެން ދާނެއެވެ.

މި ޖަރާސީމު މީހާ ގައިގައި ހުރިކަން ލެބޯޓަރީ ޓެސްޓަކުން ދެނެގަނެވޭނެއެވެ.