ކޮވިޑްގެ ސަބަބުން މާލީ ދަތިކަމުގައި އިންތިހާބު ފަސްކުރުމުގެ ބަދަލުގައި މަޖިލިސް ސަސްޕެންޑްކުރަން އެއްބަސް ވެވިދާނެތޯ އައްސަވާ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމަށް އައްޑޫ ހިތަދޫ ދާއިރާގެ މެންބަރު އަލީ ނިޒާރު ރައްދު ދެއްވައިފިއެވެ.
ނިޒާރު މިހެން ވިދާޅުވީ، ލޯކަލް އިންތިހާބު ބާއްވަން އަވަސްކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުގައި ދައުރުން ބޭރުގައި ބާއްވަމުންދާ ޖަލްސާގައި އެ އިސްލާހަށް ބަހުސް ކުރައްވަމުން އިންތިހާބު ފަސްކުރުމަކީ މާލީގޮތުން ދަތި ވަގުތެއްގައި ކުރަން ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވެ ސަލީމް ކަންބޮޑުވުން ފާޅުކުރެއްވުމުންނެވެ.
މިއަދު ޖަލްސާގައި ކުރެއްވި ބަހުސްގައި ސަލީމް ވިދާޅުވެފައި ވަނީ އިންތިހާބެއް ބޭއްވުމަކީ ވަރަށް ހަރަދު ބޮޑު ކަމެއް ކަމަށެވެ. އަދި ހާއްސަކޮށް ސިއްހީ ކުއްލި ނުރައްކަލުގެ މި ހާލަތުގައި އިންތިހާބު ބޭއްވުމަކީ ވަކިން ހަރަދު ބޮޑުވާނެ ކަމެއް ކަމަށެވެ. އެގޮތުން ރައްކާތެރި ފިޔަވަޅުތަކާއެކު އިންތިހާބު ބޭއްވުމަށް އިތުރު 7.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ކޮވިޑް މި ހާލަތުގައި ވޭތުވެދިޔަ 15 ދުވަހުގެ ތެރޭގައި ރާއްޖެއިން 600 ކޭސް ފެނިފައިވާ އިރު އިންތިހާބު އަވހަށް ބޭއްވުމަކީ ކަންބޮޑުވެވަޑައިގަންވާ ކަމެއްގެ ގޮތުގައި ސަލީމް ސިފަކުރެއްވިއެވެ.
މިކަމާ ގުޅިގެން ނިޒާރު ވިދާޅުވީ، މާލީ ގޮތުން ދަތި ދުވަސްތަކެއް ކޮވިޑްގެ ސަބަބުން އައިސްފައިވާ މި ދަނޑިވަޅުގައި އެއް އަހަރު ދުވަހަށް މަޖިލިސް ސަޕެންޑް ކުރުމަކީ ދައުލަތަށް ފައިދާ ވާނެ ކަމެއް ކަމަށެވެ. އެއް އަހަރު ދުވަހަށް މަޖިލިސް ސަސްޕެންޑްކޮށްފި ނަމަ ދައުލަަތަށް 900 މިލިއަން ރުފިޔާ ސަލާމަތް ކުރެވިދާނެ ކަމަށް ނިޒާރު ވިދާޅުވިއެވެ. އެހެންކަމުން މި ދަނޑިވަޅު މަޖިލިސް ސަސްޕެންޑް ކުރަން އެއްބަސް ވެވިދާނެތޯ އައްސަވާ ސަލީމް ޓެގް ކުރައްވާ ނިޒާރު ވަނީ ޓްވީޓެއް ކުރައްވާފައެވެ.
ލޯކަލް ކައުންސިލް އިންތިހާބު ރައްކާތެރި ފިޔަވަޅުތަކާއެކު ބޭއްވުމަށް ޖުމްލަ 7.7 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެ ކަމަށް ސަލީމް ލަފާ ކުރައްވާފައި ވާއިރު، މަޖިލީހުން ފާސްކުރި މިއަހަރުގެ ބަޖެޓްގައި އިންތިހާބު ބޭއްވުމަށް 51 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވަނީ 70 މިލިއަން ރުފިޔާ ލިބިގެން ނޫނީ އިންތިހާބު ނުބޭއްވޭނެ ކަމަށް ވިދާޅުވެފައެވެ. އެހެން ކަމުން އަދި އިތުރު 19 މިލިއަން ރުފިޔާ އިންތިހާބު ބޭއްވުމަށް ބޭނުންވާނެ ކަމަށް ޝަރީފް ވިދާޅުވެފައި ވެއެވެ. އަދި އެވަރުގެ ބަޖެޓެއް ދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށް ވެސް ޝަރީފު ވަނީ ވިދާޅުވެފައެވެ.