ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ފްލެޓްތައް ލިބުނު ފަރާތްތަކުގެ ދާއިމީ ލިސްޓު މި ޖެނުއަރީ މަސް ނިމުމުގެ ކުރިން އާންމު ކުރާނެ ކަމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފްލެޓް ކޮމިޓީން ބުނީީ، ހިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ހުރިހާ ކެޓެގަރީއެއްގެ ވެސް ދާއިމީ ލިސްޓު މި މަސް ނިމުމުގެ ކުރިން އިއުލާން ކުރެވޭތޯ މަސައްކަތް ކުރަމުން ދާ ކަމަށެވެ. އަދި މިހާރު އާންމު ކޮށްފައިވާ ލިސްޓުތަކަށް ހުށަހަޅާފައިވާ ޝަކުވާތަކަށް ޖަވާބު ދެމުން ކަމަށް ވެސް އެ ކޮމިޓީން ބުނެއެވެ.

އެ ކޮމިޓީން ބުނީ، ދާއިމީ ލިސްޓު އިއުލާން ކުރުމުގެ ކުރިން، ހުރިހާ ޝަކުވާތަކަކަށް ވެސް ޖަވާބުދީ ނިންމާލެވޭތޯ މަސައްކަތް ކުރަމުން ދާ ކަމަށެވެ. އެ ކޮމިޓީން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ދިރާސާ ކޮށްފައިވާ ކެޓަގަރީތަކުގެ ދާއިމީ ލިސްޓު ނެރުމަށް ހަމަޖެހިފައި ވަނީ ހުރިހާ ޝަކުވާއެއް ބަލައި، ޖަވާބު ދިނުމަށް ފަހު ކަމަށެވެ.

ފްލެޓްތަކުގެ މައްސަލައިގައި އެތައް ބައެއްގެ ގިނަ ޝަކުވާތަކެއް ހުރި ނަމަވެސް ހައުސިން މިނިސްޓަރު އަސްލަމް ވިދާޅުވެފައި ވަނީ ފްލެޓް ދިނުމުގައި މި ސަރުކާރުން އެއްވެސް މީހަކަށް ނާޖާއިޒު މަންފާއެއް ހޯދައިދީފައި ނުވާނެ ކަމަށެވެ.

ހިޔާ ފްލެޓްތަކުގެ ދާއިމީ ލިސްޓު މިދިޔަ ޑިސެމްބަރު މަސް ތެރޭގައި ފައިނަލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކޮމިޓީން ވަނީ ބުނެފައެވެ. އެގޮތުން ޑިސެމްބަރުމަހު ކުރީކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޓީން ބުނީ އެ މަހުގެ ނިޔަލަށް ލިސްޓު ފައިނަލް ކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.