ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ކޯޓުތަކަށް ހުށަހަޅާފައި ހުރި މައްސަލަތައް އަވަހަށް ނިންމައި ދޭން ހުޅުމާލޭ ދާއިރާގެ މެންބަރު އަދި ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު، އަލީ ނިޔާޒު ގޮވާލައްވައިފިއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގެ ބިލުގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން ނިޔާޒު ވިދާޅުވީ، އިންތިހާބު އަވަސް ކުރުމަށްޓަކައި ގާނޫނު އިސްލާހު ކުރި ނަމަވެސް، އެކަމާ ގުޅިގެން ކުރިމަތިވެފައިވާ ހުރިހާ މައްސަލަތަކަށް ހައްލެއް ނުލިބޭނެ ކަމަށެވެ.

އެގޮތުން އޭނާ ފާހަގަ ކުރެއްވީ މިހާރު ކޯޓުތަކުގައި ހުރި މައްސަލަތަކުގެ ތެރޭގައި ކައުންސިލް ތަކުން ވަކި އަދަަދަކަށް ގޮނޑި އަންހެނުންނަށް ހާއްސަ ކުރި މައްސަލައާއި، އަލުން އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލަ ދިނުމަށް އެދި ހުށަހަޅާފައި ވާ މައްސަލައެއްގެ އިތުރުން ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ކެންޑިޑެންސީ ބާތިލު ކުރި މައްސަލަ ހުރި ކަމަށެވެ.

ނަމަވެސް ކޯޓުގައި އޮތް ތިން މައްސަލައަކަށް މި މުއްދަތުގެ ތެރޭގައި ހައްލު ގެނެސްގެން އިންތިހާބު އަވަސް ކުރުމަށް ޖާގަ ހޯދުމަކީ މުހިންމު ކަމެއް، ކޮންމެވެސް އެއްގޮތަކަށް މިއަދުގެ މި ބަހުސްގެ ތެރޭގައި ވާހަކަ ދެއްކެވުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން
އަލީ ނިޔާޒު

މިދިޔަ އަހަރުގެ އެޕްރީލް މަހުގައި ބޭއްވުމަށް ތައްޔާރު ވި ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައި ވަނީ ކޮވިޑް-19އާ ގުޅިގެންނެވެ. މި އިންތިހާބު އަންނަ މާޗު މަހުގެ 6 ވަނަ ދުވަހު ބާއްވަން އީސީން މަސައްކަތް ކުރަމުން އައި ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ފެބްރުއަރީ މަހަށް ދަންމާލުމާ ގުޅިގެން އެ ތާރީހުގައި އިންތިހާބު ނުބޭއްވޭނެ ކަމަށް އީސީން ބުނެއެވެ.

ނަމަވެސް މިހާރު ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އެޕްރީލް 3، 2021 ގައި ބޭއްވުމަށް އީސީން ވަނީ ތާވަލު ކޮށްފައެވެ.