އުޅަނދު ފަހަރު އެޅުމަށްޓަކައި މޫދުގަ އާއި ކަނޑުގައި އަޅާފައިވާ ވާތަކުގައި ތާށިވެ، އެންމަޑި މަރުވުން އިތުރު ވާތީ އެކަން ކުރުމުގައި ސަމާލުވާން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

އީޕީއޭ އިން ބުނީ މިފަހަކަށް އައިސް އުޅަނދު ފަހަރު އެޅުމަަށްޓަކައި މޫދުގައާއި ކަނޑުގައި އަޅާފައިވާ ވާތަކުގައި ތާށިވެ، އެންމަޑި މަރުވަމުން ދިއުމުގެ ހާދިސާތައް އިތުރުވަމުންދާ ކަން އެ އެޖެންސީއަށް ފާހަގަ ކުރެވިފައި ވާ ކަމަށެވެ.

ވަލެއްގައި ތާށިވެ، އެންމަޑިއެއް މަރުވެފައި / ފޮޓޯ: އީޕީއޭ

އެގޮތުން އުޅަނދު ފަހަރު އެޅުމަަށްޓަކައި މޫދުގައާއި ކަނޑުގައި އަޅާފައިވާ ވާތަކުގެ ސަބަބުން އެންމަޑި ފަދަ ކަނޑުގެ ބޮޑެތި ދިރުން ތަކަށް ގެއްލުން ނުވާނެ ގޮތަށް މިފަދަ "މޫރިން ސިސްޓަމް" ތައް ފަރުމާކޮށް އެޅުމަށް އީޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

އީޕީއޭ އިން ބުނީ އެންމަޑި އާއި ވައިފިޔަމަޑި އަދި މަޑީގެ ބާވަތްތަކަކީ ރާއްޖެއަށް ތިމާވެށީގެ ގޮތުންނާއި އިގްތިސޯދީ ގޮތުން މުހިންމު ދިރުންތަކަށްވާއިރު، އެތަކެއްޗާއި އެތަކެތީގެ މާހައުލު ހިމާޔަތް ކުރުމުގައި އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ކަނޑުގެ މާހައުލުގައި އުޅޭ މަޑީގެ ހުރިހާ ބާވަތެއް ހިމާޔަތްކޮށްފައި ވަނީ ޖޫން 16، 2014 ގައެވެ.