ހަލުވި ކަމާ އެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައި ވާ ވެކްސިން ޑޯޒް ދިން ތާ މާ ގިނަ އިރުތަކެއް ނުވަނީސް، ނޯވޭއިން 23 މީހަކު މަރުވި ހާދިސާއާ ގުޅިގެން، ދޮށީ އުމުރުގެ މީހުންނާއި ދާއިމީ ބަލިތަކަށް ބޭސް ކުރާ މީހުން ސަމާލުވުމަށް ނޯވޭއިން ގޮވާލައިފިއެވެ.
ނޯވޭގެ އިންސްޓިޓިއުޓް އޮފް ޕަބްލިކް ހެލްތުން އާންމު ކުރި އިންޒާރުގެ ބަޔާނެއްގައި ބުނެފައި ވަނީ، ވެކްސިން ޖެހުމުގެ ސަބަބުން ވަރަށް ކުޑަކޮށް ނުވަތަ ވަރަށް ބޮޑަށް ސައިޑް-އިފެކްޓްސް ފެންނަ މީހުންނަށް ސީރިއަސް އަސަރުތަކެއް ކޮށްފާނެ ކަމަށެވެ. ލައިފް އެކްސްޕެކްޓަންސީ ނުވަތަ މީހަކު ދިރިއުޅޭނެ ކަމަށް ލަފާ ކުރާ އެންމެ ދޮށީ އުމުރަށް ބަލާއިރު، އުމުރުން ދޮށީ މީހުންނަށް ވެކްސިން ޖެހުމުގެ މާ ބޮޑު ފައިދާއެއް ނެތް ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
ނޯވޭގެ މެޑިސިންސް އޭޖެންސީއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، މަރުވި 23 މީހުންގެ 13 މީހެއްގެ އޮޓޮސީ ހެދިއިރު، ނާޒުކު އަދި ދޮށީ އުމުރުގެ މީހުންގެ ހާލަތު ގޯސްވުމަށް، އާންމު ސައިޑް-އިފެކްޓްތަކެއް ފެނިފައި ވާ ކަމަށެވެ.
ކަން މިހެން އޮތް ނަމަވެސް، މީގެ މާނައަކީ ދޮށީ އުމުރުގެ މީހުންނާއި ޒުވާން ޖީލުން ވެކްސިން ނުޖެހުން ނޫން ކަމަށްވެސް ނޯވޭގެ ސިއްހީ އޮފިޝަލުން ވަނީ އިންޒާރު ކުރައްވާފައެވެ. އެއާ ހިލާފަށް، މިއީ އިންތިހާއަށް ބަލި، އަދި ނާޒުކު ހާލަތުގައި ތިބި މީހުން އިތުރަށް ސަމާލުވުމަށް ދިން އިންޒާރެއް ކަމަށްވެސް ނޯވޭގެ ސިއްހީ ތަޖުރިބާކާރުން ވަނީ ވިދާޅުވެފައެވެ.
ވެކްސިން ޖެހިތާ މާ ގިނަ އިރުތަކެއް ނުވެ، ނޯވޭއިން މަރުވި މީހުންގެ 4 ބައިކުޅަ 3 ބައި މީހުންނަކީ، އުމުރުން 80 އަހަރަށްވުރެ ދޮށީ އުމުރުގެ މީހުން ކަމަށް ރެގިއުލޭޓަރުގެ ރިޕޯޓްގައި ވެއެވެ.
ކޮވިޑް-19އިން ދިފާއުވުމަށް ނޯވޭގައި ބޭނުން ކުރަމުން އަންނަނީ ފައިޒާ އަދި ބައޮއެންޓެކް ކުންފުނި ގުޅިގެން ތަރައްގީ ކޮށްފައި ވާ ވެކްސިނާއި މޮޑާނާގެ ވެކްސިނެވެ.
ނޯވޭގެ ރެގިއުލޭޓަރުން މިހާރު ދަނީ މި ފައިޒާ/ބައޮއެންޓެކް މަރުގެ ތަހުގީގުތައް ހިންގުމުގައި ހަރަކާޓްތެރިވަމުންނެވެ. އަދި މިފަދަ ގޮތަކަށް ރެކޯޑް ކުރާ މަރުގެ ކޭސްތަކުގެ އަދަދު އުޅެނީ ކަންބޮޑުވާން ޖެހޭ ދަރަޖައަކަށް ނޫން ކަމަށްވެސް، ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.
އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، ނޯވޭއިން ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް، 33000 އެއްހާ މީހުންނަށް ދީފައެވެ. ވެކްސިން ފޯރުކޮށްދިނުމުގައި އެ ގައުމުން އެންމެ ހާއްސަ އިސްކަމެއް ދެނީ، ނާޒުކު ހާލަތުގައި ތިބި މީހުންނާއި، ދޮށީ އުމުރުގެ މީހުންގެ އިތުރުން ސިއްހީ ހިދުމަތްތެރިންނަށެވެ. މީގެ ތެރެއިން ގިނަ މީހުންނަށް ދީފައި ވަނީ ފައިޒާ/ބައޮއެންޓެކްގެ ވެކްސިނެވެ.