ގއ. ދާންދޫން އިތުރު 4 މީހުން ޕޮޒިޓިވް ވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލް ރައީސް އިސްމާއިލް މުހައްމަދު ވިދާޅުވީ، އެރަށުން މިއަދު އިތުރު 4 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށާއި އޭގެ ތެރެއިން 3 މީހުންނަކީ "ކޮއިމަލާ 4" ފެރީން ދަތުރުކުރި މީހުން ކަމަށެވެ.

"ކޮއިމަލާ 4" ފެރީން ޕޮޒިޓިވްވި 3 މީހުންގެ ތެރޭގައި 11 އަންހެން ކުއްޖަކާއި، 41 އަހަރު އަންހެނަކާއި އަދި 66 އަހަރުގެ އަންހެނެއް ހިމެނޭ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވީ ޕޮޒިޓިވްވި 66 އަހަރު މީހާ އަކީ ހައި ރިސްކު މީހެއް ކަމުން މާދަމާ އެމިހާ ގއ. ކޮވިޑް ފެސިލިޓީއަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން އިސްމާއިލް ވިދާޅުވީ ރަށުގައި އެޅިފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުތަށް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ކުޅިވަރު ކުޅޭ ދަނޑުތައް ބަންދު ކުރުމާއި މައިޒާން ބަންދު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މި ކޭސްތަކަކީ ގއ. ދެއްވަދޫން އިން ފެނުނު ކޭސްތަކާ ގުޅުން ހުރި ކޭސްތަކެއް ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

ދެއްވަދޫއިން މިއަދު ވެސް ވަނީ އިތުރު 11 މީހުން ޕޮޒިޓިވް ވެފައެވެ. އެރަށުން ޖުމްލަ 55 މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް އެންމެ ފަހުގެ މައުލޫމާތު ބުނެއެވެ.

ދެއްވަދޫ ކްލަސްޓާއާ ގުޅިގެން ފަސް ރަށެއް ވަނީ މޮނިޓަރިން އަށް ލައިފައެވެ. އެއީ އެރަށުގެ އިތުރުން އެއަތޮޅު ވިލިނގިލި، ދާންދޫ، ލ. ގަން އަދި ލ. ފޮނަދޫއެވެ.

ދެއްވަދޫ މޮނިޓަރިންގެ ހާލަތަށް ލާފައި ވަނީ އެރަށުގައި ފުރަބަންދުގެ މުއްދަތު ފުރިހަމަ ކުރަން ދިޔަ ބަޔަކަށް މައުލޫމާތު ނުބައިކޮށް ދެވި ކަރަންޓީނުން ރިލީސް ކޮށްލުމާ އެކު އޭގެ ތެރޭގައި ޕޮޒިޓިވް ވެފައި ހުރި މީހަކު ބޭރަށް ނުކުމެ މީހުންނާ ކޮންޓެކްޓް ވި ފަހުން ކޮވިޑް ނަތީޖާ ޕޮޒިޓިވް ކަމަށް ލިބުމާ ގުޅިގެންނެވެ.