ޖަމާލުއްދީން ސްކޫލުގެ ދަރިވަރެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އެޗްއީއޯސީން ބުނީ ޖަމާލުއްދީން ސްކޫލުގެ ގްރޭޑް ނުވެއްގައި ތައުލޫމު ހާސިލް ކުރަމުންދާ ދަރިވަރެއް މިއަދު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
މި ކޭސް އާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިހާތަނަށް ހަތަރު ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށް އެޗްއޯސީން ވަނީ ބުނެފައެވެ.
އޭގެ އިތުރުން މިއަދު ގާޒީ ސްކޫލުގެ ގްރޭޑް އެކަކަށް ކިޔަވައިދޭ ޓީޗަރަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް އެޗްއޯސީން ވަނީ ބުނެފައެވެ. މި ކޭސް އާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިހާތަނަށް 12 ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށް އެޗްއޯސީން ވަނީ ބުނެފައެވެ.
ރާއްޖޭގެ ސްކޫލުތަކުގައި 2020 ވަނަ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ފަށާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.
ސްކޫލުތަކުން ވެސް މިހާރު ޕޮޒިޓިވް ކޭސްތައް ފެންނަމުންދާއިރު ބިލަބޮންގް ހައި ޑެސްޓިނީ ކެމްޕަސްގައި ކިޔަވަމުންދާ އެއް އާއިލާއެއްގެ 4 ދަރިވަރަކު ވަނީ ކޮވީޑަށް ޕޮޒިޓިވް ވެފައެވެ.
އޭގެ އިތުރުން ވިލިމާލެ މުހްޔިއްދީން ސްކޫލުގެ މުވައްޒަފަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި އަމީނިއްޔާ ސްކޫލުގައި ކިޔަަވައިދޭ ޓީޗަރެއް ވެސް ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ހަމައެހެންމެ ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
މި ކޭސްތަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.