ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އިން ޖައްސާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ޝިކާރައަކަށްވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުން މަރުވި މީހުންގެ އަދަދު، 2 މިލިއަނަށް ވުރެ މައްޗަށް އަރައިފިއެވެ.
2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު، ޗައިނާގެ ވޫހާން ސިޓީއިން އެންމެ ފުރަތަމަ ފަހަރަށް ކޭސްތައް ރިޕޯޓް ކުރަން ފެށި ކޮވިޑް-19ގެ ކޭސްތައް، ދުނިޔޭގެ ހުރިހާ ބައްރަކަށް ފެތުރިފައި ވާއިރު، ޕޮޒިޓިވް ކޭސްތަކުގެ ޖުމުލަ އަދަދު ވަނީ 93.51 މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ.
މި ބައްޔަށް ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާއިރު، ބަލި ޖެހޭ މީހުންނަށް ފަރުވާ ކުރަނީ، އެމީހުންގެ ހަށިގަނޑުން ފެންނަ އަލާމާތްތަކަށް ބަލައިގެންނެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި 24.7 މިލިއަނަށް ވުރެ ގިނަ ކޭސް ފާހަގަ ކޮށްފައި ވާއިރު، 111882 ޕޭޝަންޓެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ކޮވިޑް-19ގެ ޝިކާރައަކަށްވެ، މަރުވި މީހުންގެ އަދަދު 2 މިލިއަނަށް ވުރެ މައްޗަށް އަރާފައި ވާއިރު، މަރުގެ ކޭސްތައް އެންމެ ގިނަ އަދަދަކަށް ރެކޯޑް ކޮށްފައި ވަނީ އެމެރިކާ (397994)، ބްރެޒިލް (207160)، އިންޑިއާ (151954)، މެކްސިކޯ (136917) އަދި އިނގިރޭސިވިލާތް (86015) އިންނެވެ.
ފާއިތުވީ 24 ގަޑިއިރަށް ބަލާއިރު މަރުގެ ކޭސްތައް އެންމެ ގިނަ އަދަދަކަށް ރެކޯޑް ކުރީވެސް އެމެރިކާއިންނެވެ. އެމެރިކާއިން އިއްޔެ ވަނީ 4069 މީހަކު މަރުވި ކަމަށް ރެކޯޑް ކޮށްފައެވެ. އިނގިރޭސިވިލާތުން އިއްޔެ 1248 މަރުގެ ކޭސް ރެކޯޑް ކުރިއިރު، މެކްސިކޯއިން ވަނީ 1235 މަރުގެ ކޭސް ރެކޯޑް ކޮށްފައެވެ. ބްރެޒިލްއިން 1151 މަރުގެ ކޭސް އަދި ޖަރުމަނުވިލާތުން 1088 މަރުގެ ކޭސްވެސް އިއްޔެ ވަނީ ރެކޯޑް ކޮށްފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް-19 ޖެހިގެން، އިއްޔެ މަރުވި މީހުންގެ ޖުމުލަ އަދަދު 15000 އަށް ވުރެ މައްޗަށް އަރައެވެ.
އޭޝިއާ ސަރަހައްދަށް ބަލާއިރު އިއްޔެ މަރުގެ ކޭސްތައް އެންމެ ގިނަ އަދަދަކަށް ރެކޯޑް ކުރީ އިންޑޮނޭޝިއާ (295)، އިންޑިއާ (189) އަދި ތުރުކީވިލާތް (170) އިންނެވެ. ޕާކިސްތާނުން 46 މަރުގެ ކޭސް، ބަންގްލަދޭޝްއިން 16 މަރުގެ ކޭސް، މެލޭޝިއާ 15 މަރުގެ ކޭސް އަދި ސްރީލަންކާއިން މަރުގެ 4 ކޭސް ރެކޯޑް ކުރި ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.
ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިންތަކެއް ތަރައްގީ ކޮށް، ބައެއް ގައުމުތަކުގައި ވެކްސިން ދިނުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށް ގެންދާއިރު، ވެކްސިންގެ އެންމެ ޑޯޒްއެއްވެސް އަދި ނުލިބޭ ގިނަ އަދަދެއްގެ ގައުމުތައް އެބަ އޮތެވެ. ނަމަވެސް، ކޮވިޑް-19 ގެ ބަލިމަޑުކަމަށް ހަގީގީ ނިމުމެއް އޮތީ، ދުނިޔޭގެ ހުރިހާ މަންޒިލަކުން މި ބަލީގެ ހުރިހާ ކޭހެއް ނައްތާލެވިގެން ކަމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ދަނީ ހަނދާން ކޮށްދެމުންނެވެ.