ގއ އަތޮޅުގެ ތިން ރަށަކުން ޕޮޒިޓިވް ކޭސް ފެނުމާ ގުޅިގެން އެ ރަށުގައި އިތުރު ހަތަރު ރަށަކުން ރެންޑަމް ސާމްޕަލް ނަގަން ފަށަފައިވާ ކަމަށް ހެލްތް އެމްޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) އިން ބުނެފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީން ބުނީ، ދެއްވަދޫ ކޭސްއާ ގުޅިގެން މިހާތަނަށް 5 ރަށެއް މޮނިޓަރިންއަށް ލާފައި ވާ އިރު މިހާރު ގއ އަތޮޅުގެ އިތުރު 4 ރަށަކުން ރެންޑަމް ސާމްޕަލް ނަގަމުންދާ ކަމަށެވެ. އެގޮތުން ރެންޑަމް ސާމްޕަލް ނަގަމުން ދާ އިތުރު ރަށްރަށަކީ ގއ. ކަނޑުހުޅުދޫ، ގެމަނަފުށި، މާމެންދޫ އަދި ކޮލަމާފުށި ކަމަށް އެޗްއީއޯސީން ބުނެއެވެ.

މި ރަށްރަށުން ރެންޑަމް ސާމްޕަލް ނަގަން ޖެހުނު ސަބަބު ހާމަ ކުރައްވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރު އައިމިނަތު އަރޫޝާ ވިދާޅުވީ، ގއ. ދާންދޫން ޕޮޒިޓިވްވި ދެ ކޭސްއާ ގުޅިގެން އެ އަތޮޅުގައި ފެރީގެ ހިދުމަތް ދެމުންދާ "ކޮއިމަލާ 4" ނަމަކަށް ކިޔާ ފެރީން މި މަހުގެ 9 ވަނަ ދުވަހު ދަތުރު ކުރި ގިނަ ފަރާތްތަކެއް ވަނީ ކަރަންޓީނަށް ގެންގޮސްފައި ކަަމަށެވެ. އަދި އެ ފެރީއަކީ އެ އަތޮލޫގެ ރަށްރަށަށް ދަތުރުކުރާ ފެރިއަކަށް ވެފައި އެ ފެރީގައި ދަތުރުފަތުރު ކުރުމަށްޓަކައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެންމެ އެކަށޭނެ ގޮތަށް އަޅާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދެއްވަދޫ ކްލަސްޓާއިން މިހާތަނަށް ޖުމްލަ 52 ކޭސް ފެނިފައިވާ ކަމަށް ވެސް އެޗްއީއޯސީން ބުނެއެވެ. އެއީ ދެއްވަދޫން 43 ކޭސްއާއި ފޮނަދޫން އިން 4 ކޭސްއަކާއި ދާންދޫން 2 ކޭސްއަކާއި ހުޅުމާލެއިން 2 ކޭސް އަދި ވިލިނގިލިން އެއް ކޭސްއެެވެ.

ގއ. ދެއްވަދޫ ކޭސްތަކާ ގުޅުން ހުރި ކޭސްތަކުގެ ތެރޭގައި ގއ. ވިލިނގިލިން ޕޮޒިޓިވް ވެފައި ވަނީ އެ ރަށު ގްރޭޑް 12 ގައި ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރެކެވެ. ދާންދޫން ޕޮޒިޓިވް ވެފައި ވަނީ އުމުރުން 20 އަހަރުގެ އަންހެނަކާއި 9 އަހަރުގެ އަންހެން ކުއްޖެކެވެ.

ދެއްވަދޫ ކްލަސްޓާއާ ގުޅިގެން ފަސް ރަށެއް ވަނީ މޮނިޓަރިން އަށް ލައިފައެވެ. އެއީ ގއ. ދެއްވަދޫ، ގއ. ވިލިނގިލި، ގއ. ދާންދޫ، ލ. ގަން އަދި ލ. ފޮނަދޫއެވެ.