ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ސައުދީ އަރަބިއްޔާއިން އުފައްދާފައި ވާ "އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަން"ގެ ކައުންޓާ ޓެރަރިޒަމް ސެންޓަރުގައި ހަރަކާތްތެރި ވުމަށްޓަކައި ސައުދީ އަރަބިއްޔާއަށް ދާ ސިފައިންނާއި މިނިސްޓާ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީ ބައްދަލު ކުރައްވައިފިއެވެ.
ކައުންޓާ ޓެރަރިޒަމް ސެންޓަރުގައި މަސައްކަތް ކުރުމަށްދާ ސިފައިންގެ ތެރޭގައި ހިމެނެނީ ކާނަލް މުހައްމަދު މުހުތާރާއި މޭޖާ މުހަމަދު ސާމިރާއި ކޮމާންޑް ސާޖަންޓް މޭޖާ އަހުމަދު އަބްދުﷲ އާއި ވޮރަންޓް އޮފިސާ ގްރޭޑް 1 މިފްތާހު ހުސައިން ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މިޓީމުގައި އެންމެ އިސްކޮށް ހުންނަވާނީ ކާނަލް މުހައްމަދު މުހުތާރު ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
ޑިފެންސް މިނިސްޓްރީން ބުނީ މި ފަރާތްތަކުން ސައުދީ އަރަބިއްޔާގެ ވެރިރަށް ރިއާދުގައި ގާއިމް ކޮށްފައިވާ ސެންޓަރުގައި 1 އަހަރު ދުވަހުގެ މުއްދަތަކަށް މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ފަރާތްތަކުގެ ސައުދީ އަރަބިއްޔާގައި ތިބުމުގެ ހަރަދުތައް ހަމަޖައްސާފައި ވަނީ ސައުދީ އަރަބިއްޔާގެ ފަރާތުން ކަމަށް މިނިސްޓްރީން ބުނެއެވެ.
އިސްލާމީ ގައުމުތަކުން ގުޅިގެން ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި 2015 ވަނަ އަހަރު އުފެއްދި މި ކޯލިޝަންގައި 41 ގައުމަކުން ވަނީ ބައިވެރި ވެ ފައެވެ. މި ކޯލިޝަންގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި އިސްލާމީ ގައުމުތަކުން ގުޅިގެން ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި މެމްބަރު ގައުމުތަކުގެ މެދުގައި ޓެރަރިޒަމާ ގުޅުން ހުރި މައުލޫމާތު ހިއްސާކުރުން ހިމެނެއެވެ.
މި ބައްދަލުވުމުގައި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ގެ ޑިރެކްޓާ ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރާއި ޑިޕާޓްމަންޓް އޮފް އިންޓާނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީ (ޑީއައިޑީސީ)ގެ ޑެޕިޔުޓީ ޑިރެކްޓާ ޖެނެރަލް ކާނަލް އަބްދުލް މަތީން އަހުމަދު ބައިވެރިވެ ވަޑައިގެންނެވި ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.