ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ކުރާ ދައުވާ އަކާ ގުޅިގެން، އޭނާއަށް ބޭސްފަރުވާ ކުރުމުގެ ފުރުސަތު ނުދީ ޕާސްޕޯޓު ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރު ހައިކޯޓުން ބާތިލު ކޮށްފިއެވެ.
ޖިހާދު ފުރުން މަނާކުރި މައްސަލަ އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލައިގެ ހުކުމް އިއްވުން އޮތީ މިއަދެވެ. މިއަދު ހައި ކޯޓުން ނިންމީ ކްރިމިނަލް ކޯޓުން އެ އަމުރު ނެރެފައި ވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށެވެ.
އަދި ޖިހާދު ފުރައިގެން ވަޑައިގަންނަވަން އުޅޭ ކަމަށް ލިބިފައިވާ ހެއްކަކީ އޭނާ ފުރައިގެން ދިއުމުގެ ހުއްދައަކަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅި ފޯމާއިއެކު ހުށަހަޅާފައިވާ ޓިކެޓު ކަމަށް ދައުލަތުން ވަނީ ހައި ކޯޓުގައި ބުނެފައެވެ. ނަމަވެސް ކުށެއްގެ ތުހުމަތުވާ މީހަކު ޝަރީތް ކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތާއި އެއްގޮތަށް ރާއްޖެއިން ބޭރަށް ފުރަން އެދި ހުށަހަޅާ ޓިކެޓަކީ އޭނާއާއި ދެކޮޅަށް ބޭނުންކުރެވޭނެ ހެއްކެއް ކަމުގައި ނުބެލެވޭނެ ކަމަށް ހައި ކޯޓުން ބުނެއެވެ.
ޕީޖީއިން ޖިހާދުގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ކ. ފުށިދިއްގަރުފަޅު، ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅިގެން އޭރުގެ ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައި، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރެއްވި ކަމަށް ބުނެއެވެ. މި މައްސަލައަކީ ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއާ ބެހޭ ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރުމަށް ފަހު ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވި މައްސަލައެކެވެ.
އެ މައްސަލާގައި ދައުވާކޮށް ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ބޭސްފަރުވާއަށް ވަޑައިގަތުމުގެ ހުއްދަ ދިނުމަށް ޖިހާދު އެދިވަޑައިގަތުމުން ކްރިމިނަލް ކޯޓުން ނިންމީ އެ ހުއްދަ ނުދިނުމަށެވެ.
ކްރިމިނަލް ކޯޓުން އެ ހުއްދަ ނުދިނުމަށް ނިންމާފައި ވަނީ ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާއަށް ބަލާއިރު އޭނާ ފިއްލަވާފާނެ ކަމުގެ އިހުތިމާލު އޮތުމުން ކަމަށް ބުނެއެވެ. އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ މިމަހު 20 ވަނަ ދުވަހާ ހަމައަށެވެ. ނަމަވެސް މިހާރު ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށްފައެވެ.