ގައުމު ބިނާ ކުރުމަކީ ވީހާ ގިނަބަޔަކު ގުޅިގެން އެކުގައި ކުރަންވީ މަސައްކަތެއް ކަމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ގައުމު ބިނާ ކުރުމަށް ގައުމީ ޔުނިވާސިޓީ އެމްއެންއޫ އިން ދޭ ހާއްސަ ސްކޮލާޝިޕް އިފްތިތާހް ކުރުމާ ގުޅިގެންނެވެ. ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، ގައުމީ ޔުނިވަރސިޓީން މިއަދު އިފްތިތާހު ކުރި ހާއްސަ ސްކޮލާޝިޕް ސްކީމަކީ، ގުޅިގެން މަސައްކަތް ކުރުމުގެ ނަމޫނާ އެއް ކަމަށެވެ. އެއީ ގައުމުގެ ކުރިމަގު އާރާސްތު ކުރުމަށާއި ހައުމުގެ ހައްގުގައި ކުރެވުނު ކަމެއްގެ ގޮތުގައި މިނިސްޓަރު ސިފަ ކުރެއްވިއެވެ.

މި ސްކޮލާޝިޕް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވާ އިރު، އެ ރަސްމިޔާތު އިފްތިތާހް ކޮށްދެއްވީ މިނިސްޓާ އޮފް އެޑިޔުކޭޝަން ޑރ. އާއިޝަތު އަލީއެވެ.

އެމްއެންޔޫއިން ބުނީ އެ ސްކޮލާޝިޕްގެ މައިގަނޑު މަގްސަދަކީ މި ވަގުތަށް ގައުމަށް ބޭނުންވާ ކޯސްތަކަށް އިއުލާނު ކުރުމުން އެ ދާއިރާއަކަށް ދަރިވަރުން ނުލިބޭ ހާއްސަ ދާއިރާތަކުން މީހުން ބިނާ ކުރުން ކަމަށެވެ. އެގޮތުން މި އަހަރަށް ހާއްސަ ކުރެވޭ ދާއިރާތަކަކީ ފަށާ ތައުލީމުގެ މުދައްރިސް ކަމާއި، މަސައްކަތްތެރި ކަމުގެ ތެރެއިން ވެލްޑިން އާއި އެއާ ކަންޑިޝަނިން އާއި މެރިޓައިމް ދާއިރާ ކަމަށް އެމްއެންޔޫ އިން ބުނެއެވެ.

މި ސްކޮލާޝިޕް ދެވޭނީ އަންޑަގްރެޖުއޭޓް އަދި ސަބްޑިގްރީ ސެޓްފިކެޓް ނުވަތަ އެޑްވާންސްޑް ސެޓިފިކެޓް ނުވަތަ ޑިޕްލޮމާ ލެވެލްގެ ކޯސްތަކުގައި ކިޔެވުމަށް ކަމަށް އެމްއެންޔޫއިން ބުނެއެވެ. އެގޮތުން މި ކޯސްތަކަށް ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގެ 60 ރަށަކުން ކުރިމަތިލާ ދަރިވަރުންނަށް ކަމަށް އެ ޔުނިވާސިޓީން ބުނެއެވެ.

އެރަށްތަކުގެ ތެރޭގައި ހއ އަތޮޅުން ތުރާކުނު، އުލިގަމު، މުރިއިދޫ އާއި ހދ. އަތޮޅުން ވައިކަރަދޫ، ކުރިނބި، ހިރިމަރަދޫ، ށ. އަތޮޅުން ފޯކައިދޫ، ފޭދޫ، ޅައިމަގު، ނ އަތޮޅުން މަނަދޫ، މާފަރު، ލަންދޫ، ހެނބަދޫ، ރ. އަތޮޅުން މާކުރަތު، ރަސްގަތީމް، ވާދޫ ހިމެނެއެވެ. ބ. އަތޮޅުން ފުޅަދޫއާއި ހިތާދޫ، ޅ. ކުރެންދޫ، ކ. އަތޮޅުން ހިންމަފުށީ، ގުރައިދޫ ދިއްފުށި ، އއ. އަތޮޅުން ރަސްދޫ، ފެރިދޫ، މާޅޮސް، އދ އަތޮޅުން މާމިގިލި، ކުނބުރުދޫ، ދިއްދޫ ވ. ފުލިދޫ ހިމެނެއެވެ.

މީގެ އިތުރުން މ އަތޮޅުން މުލި، ނާލާފުށި، ދ. މާއެނބޫދޫ، ތ އަތޮޅުން ތިމަރަފުށި، ބުރުނި، ކަނޑޫދޫ، ވަންދޫ، ގާދިއްފުށި، ލ. އަތޮޅުން މާބައިދޫ، މާވަށް، ހިތާދޫ، އިސްދޫކަލައިދޫ، މުންޑޫ، ދަނބިދޫ، ގަން، ގއ އަތޮޅުން ވިލިގިނލި، ނިލަންދޫ، ކޮނޑޭ، ކަނޑުހުޅުދޫ، ދާންދޫ، އަދި ގއ. އަތޮޅުން ހޯޑެއްދޫ، ނަޑެއްލާ، ރަތަފަންދޫ އާއި ވާދޫ އަދި ފިޔޯރި ހިމެނެއެވެ.

އަދި މި ސްކޮލާޝިޕް ގައި ބައިވެރިވާން ބޭނުންވާ ދަރިވަރުން ފޯމް ހުށަހަޅަން ޖެހޭ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 18 ވަނަ ދުވަސް ކަމަށް އެމްއެންޔޫއިން ބުނެއެވެ.