ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ކުރާ ދައުވާ އަކާ ގުޅިގެން، އޭނާއަށް ބޭސްފަރުވާ ކުރުމުގެ ފުރުސަތު ނުދީ ޕާސްޕޯޓު ހިފަހައްޓަން ކޯޓު އަމުރު ނެރުނު މައްސަލައިގެ ހުކުމް އިއްވުން މާދަމާއަށް ތާވަލު ކޮށްފިއެވެ.
ހައިކޯޓުން ބުނީ، ޖިހާދަށް ބޭސްފަރުވާ ކުރުމުގެ ފުރުސަތު ނުދިނުމުން އިސްތިއުނާފަށް އެ ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް އިއްވުން މާދަމާ މެންދުރު ފަހު 2:00 އަށް ތާވަލު ކޮށްފައި ވާ ކަަމަށެވެ.
ޕީޖީއިން ޖިހާދުގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ކ. ފުށިދިއްގަރުފަޅު، ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅިގެން އޭރުގެ ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައި، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރެއްވި ކަމަށް ބުނެއެވެ. މި މައްސަލައަކީ ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއާ ބެހޭ ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރުމަށް ފަހު ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވި މައްސަލައެކެވެ.
އެ މައްސަލާގައި ދައުވާކޮށް ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ބޭސްފަރުވާއަށް ވަޑައިގަތުމުގެ ހުއްދަ ދިނުމަށް ޖިހާދު އެދިވަޑައިގަތުމުން ކްރިމިނަލް ކޯޓުން ނިންމީ އެ ހުއްދަ ނުދިނުމަށެވެ. އެހެންކަމުން އޭނާ ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރައްވާފައެވެ.
ކްރިމިނަލް ކޯޓުން އެ ހުއްދަ ނުދިނުމަށް ނިންމާފައި ވަނީ ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާއަށް ބަލާއިރު އޭނާ ފިއްލަވާފާނެ ކަމުގެ އިހުތިމާލު އޮތުމުން ކަމަށް ބުނެއެވެ. އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ މިމަހު 20 ވަނަ ދުވަހާ ހަމައަށެވެ.
މިސަރުކާރުން ރައްޔިތުންނަށް ކޮންކަމެއް ކޮށްދެއްވަންތޯ ތެދުވެ ހަމަހޭވެރިކަމާއެކު ނިކުންނާނީ ހިތަށް އަރަނީ، ކޮންމެވެސް އެއްޗެއް ކިޔައިގެން ކުރީ ސަރުކާރުގެ ކޮންމެވެސް ވަޒީރެއް ނޫނީ އެހެން މީހެއްފަހަތުގައި ވަކިހިއްޕައިގެން ނޫންކަމެއް ކުރާކަށް ނޫޅޭ. މިސަރުކާރު އައިފަހުން ކުރި ވައްކަމުގެ ޢަދަދަކީ މިއިން ޒަމާނެއްގައި ދިވެހިސަރުކާރުން ކުރާނެ އެންމެ ބޮޑުވައްކަން. ރައްޔިތުންގެ ބޮލުގައި އަޅުވައި ހެލްތްމިނިސްޓްރީ އިކޮނޮމިކް ޑިވެލޮޕްމަންޓުން މިހެންގޮސް ކިޔާކަށް ދެންނެތް ވަކިތަނެއް އަތުންޖެހުން ދިމާލަކުން ވައްކަން ކުރަނީ. ޖިހާދަށްވެސް ބިރުދައްކަނީ އެންމެބޮޑު ވައްކަމޭ ކިޔާ އެމްއެމްޕީއަރސީގެ ފައިސާގެ މުގުލުގައި މިސަރުކާރުގެ އެންމެމަތިން ތިބީ އެވައްކަމުގެ ފައިދާނަގާ ވެރިކަން ހިސޯރުކޮށްގެން.