ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގަ އާއި ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލު ކުރުމުގައި އާއިލީ ގޮތުންނާއި ކައިވެނީގެ ގޮތުން ގުޅުމެއް ނެތްކަން ކަށަވަރު ކުރުމަށް ޖޭއެސްސީން އިސްލާހެއް ގެނެސްފިއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ، ކޯޓުތަކުގެ ފަނޑިޔާރުންނަކީ އެ ކޯޓެއްގެ މަސައްކަތް ކުރާ މުވައްޒަފުންނާ މުސާހަރާގެ ގޮތުން، ނުވަތަ ނަސަބުގެ ގޮތުންނާއި ނުވަތަ ކައިވެނީގެ ގޮތުން ގުޅުމެއް އޮތް ބަޔަކަށް ވެގެން ނުވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި ފަނޑިޔާރުން އައްޔަން ކުރުމުގައި އާއި އެއް ކޯޓުން އަނެއް ކޯޓަށް ބަދަލު ކުރުމުގައި މިކަމަށް ރިއާޔަތް ނުކޮށްފިނަމަ، "ޝަރުއީ ދާއިރާގެ އިދާރީ މުވައްޒަފުންގެ ގަވާއިދު 2011" ގެ 70 ވަނަ މާއްދާގެ (ހ) ގެ 6 ވަނަ ނަންބަރާއި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ފުށުއެރުމެއް އުފެދޭނެ ކަމަށް ޖޭއެސްސީން ބުނެއެވެ.
އެހެންކަމުން "ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން އައްޔަނު ކުރުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދު" އާއި "ފަނޑިޔާރުން އަމިއްލައަށް އެދިގެން މަސައްކަތް ކުރަމުން އައި ކޯޓާއި އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލު ކުރުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދު" އަށް އިސްލާހު ގެނައުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ. މިގޮތަށް ނިންމާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު އެ ކޮމިޝަންގައި ބޭއްވި 98 ވަނަ ބައްދަލުވުމުގައި ކަމަށް ޖޭއެސްސީން ބުނެއެވެ.
އެ ގޮތުން ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ސްކްރީން ކުރުމުގެ މަރުހަލާގައި ފަނޑިޔާރު ކަމަށް އެދި ހުށަހަޅާފައިވާ ފަރާތާއި ކޯޓުގެ މުވައްޒަފުންގެ ތެރޭގައި އެމީހަކާ، "ޝަރުއީ ދާއިރާގެ އިދާރީ މުވައްޒަފުންގެ ގަވާއިދު 2011" ގެ 70 ވަނަ މާއްދާގެ (ހ) ގެ 6 ވަނަ ނަންބަރާއި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ގުޅުމެއް އޮތް މުވައްޒަފަކު ނެތުން ޗަރުތެއްގެ ގިތުގައި އިތުރުކޮށްފައި ވާ ކަމަށް ޖޭއެސްސީން ބުނެއެވެ. އަދި ފަނޑިޔާރުން އަމިއްލައަށް އެދިގެން ކޯޓު ބަދަލުކުރުމުގައި ވެސް މި ޝަރުތު އިތުރުކުރެވިފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.