އޭޕްރީލް 29، 2019ގައި ގދ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ގދ ހުޅުވާރުލުގައި ވަޅުލާފައި ހުއްޓާ ފެނުނު 149 ކިލޯގެ މަސްތުވަތަކެތީގެ މައްސަލަ އިސްތިއުނާފު ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

މި މައްސަލަ ގދ ގައްދޫ ކޯޓުން ވަނީ ބޭރުކޮށްލާފައެވެ. ނަމަވެސް، މި މައްސަލާގައި ޕީޖީން މިއަދު ނިންމީ މަތީ ކޯޓެއްގައި އިސްތިއުނާފު ނުކުރުމަށެވެ. ޕީޖީ އޮފީހުން ބުނީ މި ނިންމުމާ ގުޅިގެން އަދި މި މައްސަލާގައި އަޅަން ޖެހޭ އިތުރު ފިޔަވަޅުތައް އެ އޮފީހުން އަޅަމުން ގެންދާނެ ކަމަށެވެ.

މި މައްސަލަ އިސްތިއުނާފު ނުކުރުމަށް ނިންމާފައި ވާއިރު، ހުުވާރުލުން ފެނުނު މަސްތުވާތަކެތީގެ މައްސަލަ ކޯޓުން ބޭރުކޮށްލުމުގައި ވީ އިހުމާލުތަކުގެ މައްސަލަ ބަލައި، ޖުޑިޝަރީ ކޮމެޓީގެ މެންޑޭޓް ލިބިގެންވާ ފަރާތްތަކުގެ ތެރެއިން މި މައްސަލާގައި ޒިންމާވާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް މަޖިލީހުން ވަނީ ނިންމާފައެވެ. އެގޮތުން، މި މައްސަލާގައި ޒިންމާވާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށްޓަކައި، މި މައްސަލަ ވަނީ އިއްޔެ މަޖިލީހަށް ހުށަހަޅާފައެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީއެވެ.

ހުޅުވާރުލުން ފެނުނު 149 ކިލޯގެ ޑްރަގްގެ މައްސަލަ ގައްދޫ ކޯޓުން ބޭރުކޮށްލާފައި ވަނީ އިޖުރާއީ މައްސަލައަކާ ގުޅިގެން ކަމަށް ބުނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ދައުވާ ބޭރުކޮށްލީ ދައުވާކުރަން ގާނޫނުގައި ބަޔާންކުރާ މުއްދަތު ހަމަވި ފަހުން ގައްދޫ ކޯޓަށް މައްސަލަ ހުށަހަޅާފައި ވާތީއެވެ. އަދި ދައުވާ ކުރީ ކޯޓު އަމުރެއް ނެތި ދެ ގެއަކަށް ވަދެ މީހުން ހައްޔަރު ކޮށް، ހައްޔަރުގައި ބައިތިއްބައިގެން ގާނޫނާ ހިލާފަށް ހޯދާފައިވާ ހެކީގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ވެއެވެ.

މި މައްސަލާގައި ދައުވާ އުފުލާފައި ވަނީ 5 މީހަކަށެވެ. އޭގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ކޮށްފައި ވާއިރު، އެކެއްގެ މައްޗަށް ކޮށްފައި ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

ދައުވާ ކުރި މީހުންނަކީ:

  • ގއ. ކޮނޑޭ، ގަހާކޯޅި އަހުމަދު އަނީލް (34)
  • ގދ. ގައްދޫ، އެދުރުގެ، އަހުމަދު ހާމީމު (42)
  • ގއ. ކޮނޑޭ، ރޮމޭންސް ޝަފީޒް މުހައްމަދު (35)
  • ގއ. ނިލަންދޫ، ދިހްޝާންވިލާ އަލީ ޝާކިރު (30) އަދި
  • ގދ. ގައްދޫ، އެދުރުގެ ޔާމިހް ހާލިދު (23) އެވެ.

ކަނޑުމަގުން އެތެރެ ކޮށްފައި ވާ ކަމަށް ބެލެވޭ މި މަސްތުވާތަކެތީގެ މަގުމަތީ އަގު 260 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ފުލުހުން ބުނެފައި ވެއެވެ. މިތަކެތި ހޯދާފައި ވަނީ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަނާއި ޑިވިޝަނަލް ޕޮލިސިން ކޮމާންޑްގެ އިތުރުން ޑްރަގް އިންޓޭލިޖެންސް ޔުނިޓް ގުޅިގެން ހިންގި އޮޕްރޭޝަނެއް ގައެވެ.

ފުލުހުން މިތަކެތި ހޯދުމަށް ހިންގި އޮޕްރޭޝަން 3 ދުވަސް ވާންދެން މެދުނުކެނޑި ކުރިއަށް ގެންގޮސްފައި ވާކަމަށް ފުލުހުން ބުނެއެވެ. އަދި މި ތިން ދުވަހު ގދ. އަތޮޅުގެ ކަނޑުގެ ސަރަހައްދާއި ފަޅުރަށްތައް ބަލާފައިި ވާކަމަށް ފުލުހުން ބުނެފައި ވެއެވެ.