ޖިނާއީ ބޮޑެތި މައްސަލަތަކުގައި ހައްޔަރު ކުރާ މީހުންނާއި ކުށެއްގައި ހައްޔަރު ކުރާ ކުޑަކުދިންނަށް ގާނޫނީ ވަކީލެއް ހޯދެން ނެތް ނަމަ ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލުން ފޯރުކޮށްދޭ އާ ގަވައިދަށް މިއަދު އަމަލު ކުރަން ފަށައިފި ކަމަށް އޭޖީން ބުނެފިއެވެ.
އެޓާނީ ޖެނެރަލް އޮފީސް (އޭޖީ) އިން ބުނީ، މިއަދު އަމަލު ކުރަން ފެށި އާ ގަވާއިދުގައި ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސް ކަމެއް ނެތް މީހުންނަށް ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށް ދިނުމުގެ އުސޫލުތައް ބަޔާން ކޮށްފައި ވާނެ ކަމަށެވެ.
ހަމައެއާއެކު ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރު ކުރެވޭ ކުއްޖަކަށް ގާނޫނީ ވަކީލަކު ހަމަޖެއްސެން ނެތް ނަމަ، އެފަދަ ކުދިންނަށް ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށް ދޭން ޖެހޭތީ، އެކަމާބެހޭ އުސޫލުތައް ވެސް އާ ގަވާއިދުގައި ބަޔާން ކޮށްފައި ވާނެ ކަމަށް އޭޖީން ބުނެއެވެ.
ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދި ހުށަހަޅާ މީހުންގެ ތެރެއިން 18 އަހަރުން މަތީގެ މީހުން އާ ގަވާއިދުގެ ދަށުން ޝަރުތު ފުރިހަމަވުމަށްޓަކައި، އެފަރާތް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކުށަކީ އެ ގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާން ކޮށްފައި ވާ ޖިނާއީ ބޮޑު ކުށަކަށް ވާން ޖެހޭނެ ކަމަށް އޭޖީން ބުނެއެވެ. އަދި އެ ގަވާއިދުގެ ޖަދުވަލު 1 ގައިވާ ކުށުގެ ތުހުމަތުގައި ވާ މީހާއަކީ މާލީ ތަނަވަސް ކަމެއް ނެތް މީހެއް ކަމުގައި ބަލާނެ މިންގަނޑުތަކުން ޝަރުތު ފުރިހަމަވާން ޖެހޭނެ ކަމަށް ވެސް އޭޖީން ބުނެއެވެ.
ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދި ހުށަހަޅާ 18 އަހަރުން މަތީގެ މީހުން އެކަމަށް އެދި އޭޖީ އޮފީހަށް ހުށަހަޅާނީ ގަވާއިދުގެ ޖަދުވަލު 2 ގައި ވާ ފޯމު މެދުވެރިކޮށް ކަމަށް އޭޖީން ބުނެއެވެ. އަދި 18 އަހަރުން ދަށުގެ ކުޑަކުއްޖެއް ނަމަ، ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރި ކަމަށް އެދި ހުށަހަޅާނީ އެ ގަވާއިދުގެ ޖަދުވަލު 3 ގައިވާ ފޯމު ކަމަށް އޭޖީން ބުނެއެވެ. އެ ފޯމްތައް އެ އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
މިއަދު އަމަލުކުރަން ފެށި އާ ގަވާއިދުގައި، ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދި ހުށަހަޅަން ވީ ގޮތުގެ އުސޫލުތަކާއި، ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދޭ އިދާރާގެ ޒިންމާތަކާއި، ދައުލަތުގެ ފަރާތުން ހަމަޖައްސައިދޭ ގާނޫނީ ވަކީލުގެ ޒިންމާތަކުގެ އިތުރުން ކަމާބެހޭ ދައުލަތުގެ އިދާރާތަކުން އަމަލުކުރަން ޖެހޭ އިޖުރާއަތު ތަކާއި، ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށް ދިނުމުގެ އިންތިޒާމްތައް ހަރުދަނާ ގޮތެއްގައި ގާއިމް ކުރުމާ ބެހޭ އުސޫލުތައް ހިމެނޭނެ ކަމަށް އޭޖީން ބުނެއެވެ.