އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ރެސްޕިރޭޓަރީ މެޑިސިން ޑިޕާޓްމަންޓް ހެދުމާއި އެތަނަށް ބޭނުންވާ ތަކެތި ގަތުމުގައި ވެސް ކޮރަޕްޝަން ހިންގާފައިވާ ކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައި ވަނީ، އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު އެ ހޮސްޕިޓަލުގެ 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުންނެވެ. އެ ރިޕޯޓުން ދައްކާ ގޮތުގައި އައިޖީއެމްއެޗްގެ ރެސްޕިރޭޓަރީ މެޑިސިން ޑިޕާޓްމަންޓް ހެދުމުގައި ފިނޭންސް މިނިސްޓްރީން ހުއްދަ ދީފައިވާ އަގަށްވުރެ ބޮޑު އަގެއްގައި މަސައްކަތް ކުރުވާފައި ވެއެވެ. މި މަސައްކަތް ކުރުވާފައި ވަނީ ސިފައިންގެ ވެލްފެއާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސިވެކް) އާ ހަވާލު ކޮށްގެންނެވެ.

ރެސްޕިރޭޓަރީ ޑިޕާޓްމަންޓް ހެދުމަށް ހަރަދު ކުރުމަށް ފިނޭންސް މިނިސްޓްރީން ހުއްދަ ދީފައި ވަނީ 36.8 މިލިއަން ރުފިޔާއެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީއަށް ހުށަހެޅި ކޯޓޭޝަންގައި ބަޔާން ކުރާ މަސައްކަތުގެ އިތުރަށް މަސައްކަތް ކުރުވުމަށްފަހު އާ ކޯޓޭޝަނެއް ހަދާ، އިތުރު 1.2 މިލިއަން ހަރަދު ކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކަވައެވެ. އެ 1.2 މިލިއަން ރުފިޔާއަކީ ފިނޭންސް މިނިސްޓްރީގެ ހުއްދައާ ނުލާ ހަރަދު ކުރި ފައިސާއެވެ.

މި 1.2 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވާ ގޮތުގެ ތަފްސީލު:

  • އޮފީސް ޑެސްކު: އިތުރު 110،272 ރުފިޔާ
  • ކޮންސަލްޓޭޝަން ޑެސްކު، ސައިޑް ޓޭބަލާއެކު: އިތުރު 108،992 ރުފިޔާ
  • ބަލިމީހުން ތިބޭ ގޮނޑި: 107،840 ރުފިޔާ
  • ހަތަރު ސީޓު ގޮނޑި: 70،272
  • ނެޓް ވޯކިން އަދި ނެޓްވޯކިން އިކުއިޕްމަންޓް: އިތުރު 1،601،1717 (މިއަށް ފިނޭންސް މިނިސްޓްރީން ހުއްދަ ދިން ކޯޓޭޝަނުގައި ހަރަދު ކުރުމަށް ހިމަނާފައި ނުވެއެވެ.)
  • ޖީއެސްޓީ: އިތުރު 72،227 ރުފިޔާ އެވެ.

މީގެ އިތުރުން ރެސްޕިރޭޓަރީ މެޑިސިން ޑިޕާޓްމަންޓަށް ބޭނުންވާ އާލާތްތައް ހޯދުމަށް ފިނޭންސް މިނިސްޓްރީން ހުއްދަ ދިން ކޯޓޭޝަނުގައި ހިމެނޭ އާލާތެއް ނެތުމުން، އޭގެ ބަދަލުގައި އެހެން އާލާތްތަކެއް ހޯދުމަށް އާ ކޯޓޭޝަނެއް ސިވެކް އިން ހޯދާފައިވާކަން އޮޑިޓް ރިޕޯޓުން ވަނީ ފާހަގަ ކޮށްފައެވެ. ފިނޭންސުން ހުއްދަ ދިން ކޯޓޭޝަން ބަދަލުކޮށް، އާ ކޯޓޭޝަނަށް ފިނޭންސްގެ ހުއްދަ ހޯދާފައި ނުވާ ކަން ފާހަގަ ކުރެވެއެވެ.

ރެސްޕިރޭޓަރީ ޑިޕާޓްމަންޓަށް ބޭނުންވާ "ނިކޮލެޓް ސޮނާރާ ޓްރާންސް ކާނިއަލް ޑޮޕްލާ ސިސްޓަމް ވިތް އެކްސެސަރީސް" ހޯދުމުގައި ފިނޭންސުން ހުއްދަ ދީފައި ވަނީ 2.2 މިލިއަން ރުފިޔާއަށެވެ. ނަމަވެސް އެ ލިބެން ނެތުމުން، ހަމަ އެ އަގަށް (2،249،632 ރުފިޔާ) ވާ ތަފާތު ތިން އައިޓަމެއް އައިޖީއެމްއެޗުން ހޯދާފައި ވެއެވެ. އެ ތިން އައިޓަމަކީ، މޮނިޓާ އެނަސްތީސިއާ އަދި ޔުރެޓެރޮސްކޯޕްގެ އިތރުުން ރެސެކްޓޮސްކޯޕް އެވެ.

މި 3 އައިޓަމް ހޯދުމަށް ސިވެކް އިން ހޯދި އާ ކޯޓޭޝަނުގައި 3 އައިޓަމްގެ އަގު ވަކި ވަކިން އެނގެން ނެތުމާއެކު، މި ތަކެތި ހޯދުމަށް އަމަލު ކުރީ ދައުލަތަށް އެންމެ ފައިދާވާ ގޮތަށް ނޫން ކަމަށް އޮޑިޓް ރިޕޯޓުގައި ވެއެވެ.

އޮޑިޓް ރިޕޯޓުގައި ވަނީ ފިނޭންސް މިނިސްޓްރީގެ ހުއްދައިގެ ދާސުން ހޯދާ ތަކެއްޗާއި، ކުރާ މަސައްކަތް އެ މިނިސްޓްރީން ހުއްދަ ދީފައިވާ އަގަށް ކުރުމަށް ލަފާ ދީފައެވެ. އަދި ހުއްދަ ދީފައިވާ އަގަށް ނުވަތަ އެއްޗަކަށް ބަދަލެއް ގެންނަން ޖެހިއްޖެ ނަމަ އެކަމަށް އަލުން ހުއްދަ ހޯދުމަށް ވެސް ވަނީ ލަފާ ދީފައެވެ.