އޭޕްރީލް 29، 2019ގައި ގދ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ގދ ހުޅުވާރުލުގައި ވަޅުލާފައި ހުއްޓާ ފެނުނު 149 ކިލޯގެ މަސްތުވަތަކެތީގެ މައްސަލަ ގދ ގައްދޫ ކޯޓުން ބޭރު ކޮށްލުމުން، އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީއެވެ. އިމްތިޔާޒް ވިދާޅުވީ ހުުވާރުލުން ފެނުނު މަސްތުވާތަކެތީގެ މައްސަލަ ކޯޓުން ބޭރުކޮށްލުމުގައި ވީ އިހުމާލުތަކުގެ މައްސަލަ ބަލައި، ޖުޑިޝަރީ ކޮމެޓީގެ މެންޑޭޓް ލިބިގެންވާ ފަރާތްތަކުގެ ތެރެއިން މި މައްސަލާގައި ޒިންމާވާ ފަރާތްތައް ޖަވާބުދާރީ ކުރުވާނެ ކަމަށެވެ.

މި މައްސަލާގައި ޒިންމާވާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށްޓަކައި، މި މައްސަލަ އިއްޔެ މަޖިލީހަށް ހުށަހަޅާފައި ވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުވާރުލުން ފެނުނު 149 ކިލޯގެ ޑްރަގްގެ ،މައްސަލަ ގައްދޫ ކޯޓުން ބޭރުކޮށްލާފައި ވަނީ އިޖުރާއީ މައްސަލައަކާ ގުޅިގެން ކަމަށް ބުނެއެވެ. ނަމަވެސް މި މައްސަލަ އިސްތިއުނާފު ކުރުމާމެދު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަދި ގޮތެއް ނިންމާފައި ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ގައްދޫ ދައުވާ ބޭރުކޮށްލީ ދައުވާކުރަން ގާނޫނުގައި ބަޔާންކުރާ މުއްދަތު ހަމަވިފަހުން ގައްދޫ ކޯޓަށް މައްސަލަ ހުށަހަޅާފައި ވާތީއެވެ. އަދި ދައުވާ ކުރީ ކޯޓު އަމުރެއް ނެތި ދެ ގެއަކަށް ވަދެ މީހުން ހައްޔަރުކޮށް، ހައްޔަރުގައި ބަހައްޓައިގެން ގާނޫނާ ހިލާފަށް ހޯދާފައިވާ ހެކީގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ވެއެވެ.

މި މައްސަލާގައި ދައުވާ އުފުލާފައި ވަނީ 5 މީހަކަށެވެ. އޭގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ކޮށްފައިވާއިރު، އެކެއްގެ މައްޗަށް ކޮށްފައި ވަނީ ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ދައުވާ ކޮށްފައި ވެއެވެ.

ދައުވާ ކުރި މީހުންނަކީ:

  • ގއ. ކޮނޑޭ، ގަހާކޯޅި އަހުމަދު އަނީލް (34)
  • ގދ. ގައްދޫ، އެދުރުގެ، އަހުމަދު ހާމީމު (42)
  • ގއ. ކޮނޑޭ، ރޮމޭންސް ޝަފީޒް މުހައްމަދު (35)
  • ގއ. ނިލަންދޫ، ދިހްޝާންވިލާ އަލީ ޝާކިރު (30) އަދި
  • ގދ. ގައްދޫ، އެދުރުގެ ޔާމިހް ހާލިދު (23) އެވެ.

ކަނޑުމަގުން އެތެރެކޮށްފައިވާ ކަމަށް ބެލެވޭ މި މަސްތުވާތަކެތީގެ މަގުމަތީ އަގު 260 މިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށް ފުލުހުން ބުނެފައިވެއެވެ. މިތަކެތި ހޯދާފައި ވަނީ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަނާއި ޑިވިޝަނަލް ޕޮލިސިން ކޮމާންޑްގެ އިތުރުން ޑްރަގް އިންޓޭލިޖެންސް ޔުނިޓް ގުޅިގެން ހިންގި އޮޕްރޭޝަނެއްގައެވެ.

ފުލުހުން މިތަކެތި ހޯދުމަށް ހިންގި އޮޕްރޭޝަން 3 ދުވަސް ވާންދެން މެދުނުކެނޑި ކުރިއަށް ގެންގޮސްފައި ވާކަމަށް ފުލުހުން ބުނެއެވެ. އަދި މި ތިން ދުވަހު ގދ. އަތޮޅުގެ ކަނޑުގެ ސަރަހައްދާއި ފަޅުރަށްތައް ބަލާފައިި ވާކަމަށް ފުލުހުން ބުނެފައިވެއެވެ.