ސަން ސިޔާމް އޮޅުވެލި ރިސޯޓުން މިއަދު 20 ސްޓާފުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޗަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މިއަދު ރާއްޖެއިން ޖުމްލަ 50 ކޭސް ފެނިފައިވާ އިރު އޭގެ ތެރެއިން 20 ކޭސް އަކީ ސަން ސިޔާމް އޮޅުވެލި ރިސޯޓުން ފެނިފައިވާ ކޭސްތައް ކަމަށެވެ. އަދި އެ 20 މީހުންނަކީ ވެސް އެ ރިސޯޓުގެ ސްޓާފުން ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެ ރިސޯޓުން މިހާރު ވަނީ 167 ރެންޑަމް ސާމްޕަލް ނަގާފައެވެ. މިހާތަނަށް ނަތީޖާ ނުލިބި 23 ފަރާތެއް ވާއިރު، މިއަދު ޕޮޒިޓިވް ވި މީހުންނާއެކު އެ ރިސޯޓުން ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު ވަނީ 24 އަށް އަރާފައެވެ.

މިއަދު ޖުމްލަ 50 ކޭސް ފެނިފައިވާ އިރު ހިންގަމުންދާ ރިސޯޓު ތަކުން ޕޮޒިޓިވް ވެފައި ވަނީ 28 މީހުންނެވެ. މީގެ އިތުރުން މާލެ ސަރަހައްދުން 19 މީހަކާއި އަތޮޅުތެރޭގެ ރަށްރަށުން 3 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މިހާރު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 14،159 އަށް އަރާފައެވެ. އޭގެ ތެރެއިން މިއަދު 29 މީހަކު ރަނގަޅުވެފައި ވާއިރު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 13،365 އަށް އަރާފައެވެ. މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 738 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 54 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ރިސޯޓްތަކުން ކޮވިޑް ކޭސްތައް ފެންނަމުން ދާއިރު ބިޔާދޫ ރިސޯޓުން ފެނިފައިވާ ކޭސްތަކުގެ އަދަދު ވަނީ 53 އަށް އަރާފައެވެ. އަދި ނިޔަމަ ރިސޯޓުން ފެނިފައިވާ ކޭސްތަކުގެ އަދަދު ވަނީ 14 އަށް އަރާފައެވެ.