އިދިކޮޅު ޕީޕީއެމް ޕީއެންސީގެ މެންބަރުން ޖެންޑަރު މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއާ ބައްދަލު ކުރަން ބޭނުންވެ، އެކަން ނުކުރެވިގެން ކަންބޮޑުވުން ފާޅުކޮށް، މި ބައްދަލުވުން ވީހާވެސް އަވަހަށް ހަމަޖައްސައި ދިނުމަށް އެދި އެ ކޯލިޝަނުން ގޮވާލައިފިއެވެ.
އިދިކޮޅުން ބުނީ، މިދިޔަ އޮކްޓޯބަރު 19 ވަނަ ދުވަހު އެ ކޯލިޝަންގެ ފަރާތުން ޖެންޑާ މިނިސްޓަރާ ބައްދަލު ކުރުމަށް ސިޓީ ފޮނުވާފައި ވަނީ އެކި ފަރާތްތަކުން އެ ކޯލިޝަނަށް ލިބެމުންދާ ޝަކުވާތަކާއި، ރޭޕްއާއި ޖިންސީ ފުރައްސާރައިގެ މައްސަލަތަކުގައި އިންސާފު ނުލިބި ލަސްވަމުން ދާތީ ކަމަށެވެ. އަދި އެކަންކަމާ ގުޅޭގޮތުންނާއި މިނޫންވެސް އަންހެނުންނާއި ގުޅުން ހުރި ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ކަމަށް އިދިކޮޅުން ބުނެއެވެ.
އިދިކޮޅުން ވަނީ އެ ސިޓީއަށް ޖަވާބު ލިބިފައި ނުވާތީ ކަމަށް ބުނެ މިއަދު ޖެންޑާ މިނިސްޓްރީ ސަރަހައްދުގައި މިއަދު އިހުތިޖާޖު ވެސް ކޮށްފައެވެ.
މިކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީން ބުނީ، ކޮވިޑް-19ގެ މުއްދަތުގައި، ޕީޕީއެމްގެ ފަރާތުން ޖެންޑަ މިނިސްޓަރާ ބައްދަލު ކުރެއްވުމަށް އެދިވަޑައިގެން ސިޓީއެއް ފޮނުވި ކަމަށެވެ. އަދި އޮކްޓޯބަރު 19 ގައި ފޮނުވި އެ ސިޓީ ފަހު ދުވަހު މިނިސްޓަރަށް ލިބިފައިވާ ކަމަށާއި، ސިޓީގެ ޖަވާބު އީމެއިލް މެދުވެރިކޮށް އޮކްޓޯބަރު 22 ގައި ފޮނުވާފައި ވާނެ ކަމަށެވެ.
ޕީޕީއެމުން އެދުނު ފަދައިން އެ ޕާޓީއާ ބައްދަލު ނުކުރެވުނީ އެ މުއްދަތުގެ ތެރޭގައި މިނިސްޓަރު ނުރަސްމީ ދަތުރެއްގައި ރާއްޖޭން ބޭރަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާތީ ކަމަށް އެންޑާ މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނީ ފޮނުވި އީމެއިލްގައި، ފަހުގެ ތަރީހެއްގައި ޕީޕީއެމާ މުއާމަލާތު ކުރާނެ ވާހަކަ އަންގާފައިވާ ކަމަށެވެ. އަދި އެ ސިޓީއާ ގުޅިގެން ކުރަންޖެހޭ ކަންކަން މިނިސްޓްރީން ފުރިހަމަ ކޮށް، ޕީޕީއެމާ ބައްދަލު ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
މިކަމާ ގުޅިގެން ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނީ ޖެންޑާ މިނިސްޓްރީއަށް ފޮނުވި ސިޓީއާ ގުޅިގެން އެ މިނިސްޓްރީން އީމެއިލް މެދުވެރިކޮށް އަންގާފައި ވަނީ މިނިސްޓަރު ރާއްޖެއިން ބޭރުގައި އުޅުއްވާތީ މަސް ދުވަހެއްގެ ކުރިން ބައްދަލު ކުރެވެން ނެތް ކަމަށެވެ. އަދި މިނިސްޓަރު އެނބުރި ވަޑައިގެންނެވުމުން ބައްދަލުވުމާ ގުޅޭ ގޮތުން ޖަވާބެއް ފޮނުވާނެ ކަމަށެވެ.
ނަމަވެސް ސިޓީ ފޮނުވިތާ ތިންމަސް ދުވަސް ފާއިތު ވީއިރު ވެސް މި ބައްދަލުވުން ހަމަޖެހޭނެ ތާރީހެއް އަދި މިކަމާގުޅޭ އެއްވެސް ޖަބާވެއް ލިބިފައި ނުވާ ކަމަށް ޕީޕީއެމުން ބުނެއެވެ. އަދި އެހާ ދިގު މުއްދަތަކަށް މިނިސްޓަރަކު ރާއްޖެއިން ބޭރަށް ވަޑައިގަންނަވާއިރު ދެން ހަވާލުވާ މިނިސްޓަރަކު ވެސް މިފަދަ ކަންކަމަށް ޖަވާބު ދެއްވަން ޖެހޭނެ ކަމަށް އެ ބަޔާނުގައި ވެއެވެ.
ހަމައެއާޢެކު މިފަދަ މުހިއްމު ވުޒާރާއެއް ވަގުތީ ގޮތުން އެހެން މިނިސްޓަރަކާ ހަވާލު ނުކުރައްވާ ނަމަ އެއީ މި ސަރުކާރުން ރައްޔިތުންނާއި އެތައް ބައެއްގެ ހައްގުތައް ރައްކާތެރި ކުރުމަށް ވެފައިވާ ބޮޑު އިހުމާލެއް ކަމަށް ޕީޕީއެމުން ބުނެއެވެ. އަދި މި ކަންކަމުން ސާފު ވަނީ މިސަރުކާރުގެ ދޯހަޅި ކަމާއި ހިންގުމުގެ އެއްވެސް ކަހަލަ ފުރިހަމަ ނިޒާމެއް ނެތްކަން ކަމަށް ވެސް އެ ޕާޓީން ނެރުނު ބަޔާނުގައިވެއެވެ.