އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ ވެރިކަމުގައި އުފައްދާ، ލާއިންސާނީ އަނިޔާ ދިނުމުގެ ލައް ޖެހިފައިވާ ގުއަންޓަނަމޯ ބޭ ޑިޓެންޝަން ކޭމްޕު (ޖީޓީއެމްއޯ) ނުވަތަ ގުއަންޓަނަމޯ ޖަލު ބަންދު ކުރުމަށް، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، އެމްނެސްޓީ އިންޓަނޭޝަނަލް އިން ގޮވާލައިފިއެވެ.
މީގެ 4 އަހަރު ކުރިން، ވެރިކަމުގެ ދައުރަށް ފެއްޓެވުމާއެކުގައި ހެން، އެމެރިކާގެ އަދުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ގުއަންޓަނަމޯ ޖަލު ބަންދު ނުކުރުމަށް ބާރުދޭ ރިޔާސީ ގަރާރެއްގައި ސޮއި ކުރައްވާފައެވެ. އޭގެ ފަހުން އެ ޖަލަށް އެއްވެސް އާ ގައިދީއަކު ވައްދާފައެއް ނުވެއެވެ. ނަމަވެސް އެއް ގައިދީއެއް އެ ޖަލުން އެހެން މަންޒިލަކަށް ބަދަލު ކުރި ކަމަށް އެމްނެސްޓީއިން ބުނެއެވެ.
ވެރިކަން ބަދަލުވެ، އެމެރިކާގެ އާ ސަރުކާރުން ގައުމު ހިންގުމާ ހަވާލުވުމަށް ވަގުތު ކުޑަތަން ވަމުން އަންނައިރު، ގުއަންޓަނަމޯ ޖަލުގެ ނުރައްކާތެރި ސިޔާސަތު ހެޔޮ ފާލަކަށް އެޅުވުމަށް، އިންތިހާބީ ރައީސް އަދި ކުރީ ސަރުކާރުގެ ނައިބު ރައީސް ޖޯ ބައިޑަންއަށް ފުރުސަތު އެބައޮތް ކަމަށް އެމްނެސްޓީއިން ބުނެއެވެ. ތާ އަބަދަށް މި ޖަލު ބަންދު ކުރުމުގެ ބާރުވެސް ބައިޑަންއަށް އެބައޮތް ކަމަށް އެމްނެސްޓީއިން ބުނެއެވެ.
ގުއަންޓަނަމޯ ޖަލުގައި މިވަގުތު، 40 މުސްލިމް ގައިދީން އެބަތިއްބެވެ. އެ ތަނުގައި އެމީހުން ބަންދު ކޮށްފައި ވަނީ މުއްދަތެއް ނެތް ގޮތަށެވެ. ގިނަ މީހުންގެ މައްޗަށް ދައުވާއެއްވެސް އުފުލާފައެއް ނުވެއެވެ. އެމެރިކާގެ ސަރުކާރުން ދޭ ލާއިންސާނީ އަނިޔާ މެނުވީ އިތުރު ކަމެއް ޖަލުގައި ނުހިނގާ ފަދައެވެ.
ގުއަންޓަނަމޯ ޖަލުގައި ހިންގަމުން ދަނީ ލާއިންސާނީ އަނިޔާގެ ޖަރީމާތަކެއް ކަމަށާ، މިއި ބައިޑަންގެ ސަރުކާރުން، މިހާރުން މިހާރަށް ނިމުން ގެންނަންޖެހޭ ކަމެއް ކަމަށް އެމްނެސްޓީއިން ބުނެއެވެ.
ތައުފީގު އަލް-ބިހާނީއަކީ އެހެން ޖަލަކަށް ބަދަލު ކުރުމަށް މީގެ އެތައް އަހެރެއް ކުރިން ހުއްދަ ލިބިފައިވާ ގައިދީއެއް ކަމަށާ، ނަމަވެސް އޭނާވެސް އަދިވެސް ހުރީ ގުއަންޓަނަމޯ ޖަލުގައި ކަން އެމްނެސްޓީއިން ފާހަގަ ކުރެއެވެ. މިފަދަ 5 ގައިދީއަކު އެތަނުގައި އެބަތިއްބެވެ. 2003 ވަނަ އަހަރު ގުއަންޓަނަމޯ ޖަލަށް ތައުފީގު އަލް-ބިހާނީ ވެއްދީ، އެމެރިކާގެ ޖާސޫސީ އިދާރާ (ސީއައިއޭ) އިން ލާއިންސާނީ އަނިޔާތަކެއް ދިނުމަށް ފަހުގައި ކަމަށާ، އެހެން ޖަލަކަށް ބަދަލުވުމަށް އޭނާއަށް ފުރުސަތު ހުޅުވުނީ 2010 ވަނަ އަހަރު ކަމަށްވެސް އެމްނެސްޓީއިން ފާހަގަ ކުރެއެވެ.
އެމްނެސްޓީއިން ވަނީ ގުއަންޓަނަމޯ ޖަލުގައި ތިބި ގައިދީންގެ ތެރެއިން، އެހެން ޖަލަކަށް ބަދަލު ވުމަށް ކުލިއަރަންސް ލިބިފައިވާ ގައިދީން، އިންސާނީ ހައްގުތަކަށް ރައްކާތެރިވާ ގައުމުތަކެއްގެ ޖަލުތަކަކަށް ބަދަލު ކުރުމަށް ބައިނަލްއަގުވާމީ އެހީއަށް އެދި ގޮވާލާފައެވެ.
ގުއަންޓަނަމޯ ޖަލު ހުޅުވިތާ މިއަދަށް މިއޯ 19 އަހަރު ފުރޭ ދުވަހެވެ.