އަދާ ޖެހުނުއިރުވެސް ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހުމަށް މަގުފަހި ކުރާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) ގެ އަސްލަކީ ކޮބައިތޯ ދެނެގަތުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗް) އިން އެކުލަވާލާފައިވާ ހާއްސަ ޓީމު، އަންނަ ބުރާސްފަތި ދުވަހު ޗައިނާއަށް ދާނެ ކަމަށް އެ ގައުމުން ހާމަކޮށްފިއެވެ.
ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން (އެންއެޗްސީ) އިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، ޑަބްލިއުއެޗްއޯގެ ތަޖުރިބާކާރުންގެ ގުރޫޕު، ޖަނަވަރީ 14 ވަނަ ދުވަހު ޗައިނާއަށް ފައިބާނެ ކަމަށެވެ. ވައިރަސް ޓްރޭސް ކުރުމުގެ މަސައްކަތް، މި ޓީމުން ކުރިއަށް ގެންދާނީ ޗައިނާގެ ސައެންސްވެރިންނާއި ވެސް އެކުގައި ކަމަށް އެންއެޗްސީގެ ބަޔާނުގައި ވެއެވެ.
ސާސްކޮވް-2ގެ އަސްލަކީ ކޮބައިތޯ ބެލުމަށް ޑަބްލިއުއެޗްއޯއިން އެކުލަވާފައިވާ ތަޖުރިބާކާރުންގެ ޓީމަށް ޗައިނާއަށް އެރުމުގެ ހުއްދަ ނުދީ ހުރަސް އެޅީ ކަމަށް އެ އިދާރާއިން ރިޕޯޓް ކުރީ ހުސްވި ހަފުތާގެ ތެރޭގައެވެ. ޑަބްލިއުއެޗްއޯގެ ޕެނަލަށް ޗައިނާއަށް ނުވަދެވުނީ، ކޮންމެހެން ހޯދަން ޖެހޭ ހުއްދަތަކަކެއް ފުރިހަމަ ނުވެ އޮތުމުން ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ޑަބްލިއުއެޗްއޯގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވަނީ ޗައިނާގެ އެ އަމަލާ މެދު ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފައެވެ. ޗައިނާގެ ކަމަކަށް ޑރ ޓެޑްރޯޒް ވަރަށް މަދުން ނޫނީ ފާޑުވިދާޅެއް ނުވެއެވެ.
ސާސްކޮވް-2ގެ އަސްލަކީ ކޮބައިތޯ ބެލުމަށް ތަޖުރިބާކާރުންގެ ޕެނަލެއް ޗައިނާގައި ހަރަކާތްތެރި ކުރުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ޗައިނާއާއެކު މަޝްވަރާ ކުރަމުން އަންނަތާ އެތައް މަހެއް ވަނީ ފާއިތުވެފައެވެ.
ސާސްކޮވް-2އިން ޖައްސާ ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރީ 2019 ވަނަ އަހަރުގެ ފަހުކޮޅު، ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވޫހާން ސިޓީގައި ގަވައިދާ ހިލާފަށް ހިންގި ސީފުޑް މާކެޓް ސަރަހައްދަކުންނެވެ. ނަމަވެސް މިއީ ވައިރަހުގެ ހަގީގީ ފެށުން ކަމަށް ކުރެވޭ ދައުވާއަށް ޗައިނާއިން އިންކާރު ކުރެއެވެ. ޗައިނާއިން ބުނާ ގޮތުގައި ފަހަރުގައި، މި ވައިރަހުގެ އަސްލަކީ ޗައިނާއަށް ނުވެވެސް ހިނގައިދާނެ ކަމަށެވެ.
ވައިރަހުގެ އަސްލަކީ ކޮބައިތޯ ބެލުމަށް ހާއްސަ ތަހުގީގެއް ހިންގުމަށް ގޮވާލާ، 100 އަށް ވުރެ ގިނަ ގައުމުން ސޮއި ކުރި ގަރާރާއެކު، މި ކަމާ ގުޅޭ އިންކުއަރީއަކަށް ޑަބްލިއުއެޗްއޯއިން އެއްބަސްވީ 2020 ވަނަ އަހަރުގެ މެއި މަހުއެވެ.