ސ. މަރަދޫފޭދޫ ކޯޓުގެ އިސް މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭސްސީ) އިން ތަހުގީގު ކުރަން ނިންމައިފިއެވެ.
އެ ކޮމެޓީން ބަލަނީ ސ. މަރަދޫފޭދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އިބްރާހީމް ނަފީސް ހުސައިންގެ މައްސަލައެކެވެ.
އޭނާއާ ގުޅޭގޮތުން ބަލަނީ މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށް ދިޔަ ގަޒިއްޔާއެއްގައި ދައުވާ ލިބުނު ފަރާތަށް ގާނޫނީ ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު ނުދެއްވި ކަމަށް ބުނާ މައްސަލައެކެވެ.
ޖޭއެސްސީން ބުނީ ސުލޫކީ މައްސަލަ ބެލުމަށް އެކުލަވާލި ތަހުގީގު ކޮމިޓީ އެކުލަވާލާފައި ވަނީ އިއްޔެ ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި ކަމަށެވެ.
ފަހަކަށް އައިސް ޖޭއެސްސީން އަންނަނީ މިފަދަ ގިނަ މައްސަލަތަކެއް ބަލަމުންނެވެ.
އެގޮތުން މިދިޔަ މަހު ވެސް ޖޭއެސްސީން ވަނީ ފަސް ފަނޑިޔާރެއްގެ މައްސަލަ ބެލުމަށް ތަހުގީގު ކޮމިޓީއެއް އެކުލަވާލާފައެވެ. އޭގެ ތެރޭގައި ބ. ގޮއިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓު އަހުމަދު ނިޝާރާއި ގދ. މަޑަވެލި ކޯޓުގެ މެޖިސްޓްރޭޓު ޝާތިރު ހަސަން ހިމެނެއެވެ.
އޭގެ އިިތުރުން ނ. ޅޮހީ އިސް މެޖިސްޓްރޭޓް އަހުމަދު ހަސަން މަނިކު އާއި ގދ. ޖުޑިޝަލް ދާއިރާ ހިންގުމާ ހަވާލުވެ ވަޑައިގެން ހުންނެވި މެޖިސްޓްރޭޓް އިބްރާހިމް އިހްސާނުގެ މައްސަލައަކާއި އަދި ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲގެ މައްސަލައެއް ހިމެނެއެވެ.