ކޮވިޑް-19ގެ ސަބަބުން އާމްދަނީ އަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކުން ޖުލައި މަހަށްވާ އިންކަމް ސަޕޯޓް އެލަވަންސް އަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޑިސެމްބަރު މަހުގެ އިންކަމް ސަޕޯޓް އެލަވަންސަށް އެދި މިއަދުން ފެށިގެން މިމަހުގެ ނިޔަލަށް ހުށަހެޅޭނެއެވެ. މިއީ އިންކަމް ސަޕޯޓް އެލަވަންސްގެ 3 ވަނަ ބުރުގެ ދަށުން ދޭނެ ފަހު އެލަވަންސެވެ.
އިންކަމް ސަޕޯޓް އެލަވެންސްގެ ފުރަތަމަ ބުރުގައި މާޗު މަހުން ފެށިގެން، ޖޫން މަހުގެ ނިޔަލަށް އެލަވަންސް ދީފައި ވާއިރު، ދެ ވަނަ ބުރުގައި ޖުލައި މަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެލަވަންސް ދީފައި ވެއެވެ. މާޗް މަހުން ޖޫން މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އިންކަމް ސަޕޯޓް އެލަވަންސް ދިނުމުގެ ޕްރޮގްރާމް ދިގު ދަންމާލާފައި ވަނީ ވީހާ ވެސް ގިނަ ބަޔަކަށް އެލަވެންސް ދިނުމަށްޓަކައެވެ.
އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން ކޮވިޑް19 އާ ގުޅިގެން އެބަޔެއްގެ ވަޒީފާއަށް 2019 ޑިސެމްބަރު މަހުގެ ފަހުން އަސަރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެލަވެންސް ލިބޭ ޝަރުތު ހަމަވާ މީހުންނަށް އެލަވެންސް ދިނުމަށް ވަނީ ފަހުން ނިންމާފައެވެ. ހަމައެއާއެކު، މި އެލަވެންސްގެ ތިންވަނަ ބުރެއް ތައާރަފުކޮށް 2020 އޮކްޓޯބަރު މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް އެލަވެންސް ދޭން ވަނީ ނިންމާފައެވެ.
އިންކަމް ސްޕޯޓް އެލަވަންސްގެ ގޮތުގައި ކޮންމެ މީހަކަށް ވެސް ލިބޭނީ 5،000 ރުފިޔާ އާ ހަމައަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. މިހާތަނަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި، ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް 17147 މީހަކަށް 221.1 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
ވަޒީފާއިން ވަކިކޮށްފައި ވާ، ނުވަތަ ސަސްޕެންޑް ކޮށްފައިވާ ފަރާތެއް ނަމަ، މަހަކު 5000 ރުފިޔާ އަދި ނޯޕޭ ލީވް އަށް ފޮނުވައިފައި ވާ ފަރާތެއް ނަމަ ވެސް އެވަރު އެލަވަންސްގެ ގޮތުގައި ލިބެއެވެ. މުސާރައިގެ ގޮތުގައި ލިބޭ އަދަދު އުނިކޮށްފައިވާ ފަރާތެއްނަމަ، އެފަދައިން އުނިކުރާ އަދަދު އުނިކުރުމަށް ފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ 5000 ރުފިޔާއަށް ވުރެ ދަށް އަދަދެއް ނަމަ، 5000 ރުފިޔާއިން މިހާރު ލިބޭ މުސާރައިގެ އަދަދު އުނިކުރުމުން ޖެހޭ އަދަދު ލިބޭނެއެވެ.