ބޯކޮށް ވާރޭވެހިގެން ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ 2 ހާދިސާއެއްގައި އިންޑޮނޭޝިއާއިން މަރުވި މީހުންގެ އަދަދު 11 އަށް އަރާ، ޒަހަމްވި މީހުންގެ އަދަދު 18 އަށް އަރާފައި ވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ހާމަ ކުރައްވައިފިއެވެ.

އިންޑޮނޭޝިއާގެ ނޭޝަނަލް ބޯޑް ފޮ ޑިޒާސްޓާ މެނޭޖްމަންޓް (ބީއެންޕީބީ)ގެ ތަރުޖަމާނެއް ކަމަށްވާ ރަދިތުޔާ ޖާތީ ވިދާޅުވީ ބިންގަނޑު ކަނޑައިގެން ދިއުމުގެ ފުރަތަމަ ހާދިސާ ހިނގީ ބޯކޮށް ވާރޭވެހި، ބިންގަނޑު ހަމަނުޖެހިގެން ކަމަށެވެ. އަދި ދެވަނަ ހާދިސާ ހިނގީ، ފުރަތަމަ ހާދިސާއާ ގުޅިގެން ރައްކާތެރި ހިސާބުތަކަށް މީހުން ބަދަލު ކުރުމުގެ އޮޕަރޭޝަން ކުރިއަށް ދަނިކޮށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަރުވި މީހުންގެ ތެރޭގައި، ރެސްކިއު ޓީމުގެ މެމްބަރުންވެސް ހިމެނެއެވެ.

މި ދުވަސްވަރަކީ އިންޑޮނޭޝިއާއަށް މޫސުމީ ގަދަ ވިއްސާރަ ކުރަމުން އަންނަ ދުވަސްވަރެކެވެ. 17000 އެއްހާ ޖަޒީރަށް ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ އިންޑޮނޭޝިއާގެ އެކި ހިސާބުތަކުގައި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް، މޫސުމީ ގަދަ ވިއްސާރައިގެ ދުވަސްވަރު ހިނގައެވެ.

ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުން އަނެއް އަހަރުގެ މާޗް މަހާ ދެމެދު އިންޑޮނޭޝިއާއަށް މޫސުމީ ގަދަ ވިއްސާރައާ ކުރިމަތިލާން ޖެހޭއިރު، ޖަންގަލިތަކުން ގަސްތައް ކެނޑުމުގެ ސަބަބުން، މަސްރަހު އިތުރަށް ގޯސްވާ ކަމަށް ހަބަރު ލިބެއެވެ.