ގއ. ދެއްވަދޫން އިތުރު 9 މީހަކު ޕޮޒިޓިވް ވެ ޖުމްލަ އަދަދު 19 އަށް އަރައިފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލް ރައީސް އިބްރާހިމް ތައުފީގު ވިދާޅުވީ، އެ ރަށުން މިއަދު ޖުމްލަ 8 މީހަކު އަދި އިއްޔެ އެކަކު ޕޮޒިޓިވް ވެފައި ވާ ކަމަށެވެ. އެގޮތުން މިއަދާއި އިއްޔެ ޕޮޒިޓިވް ވި މީހުންނާއެކު މިހާރު އެ ރަށުން ޖުމްލަ 19 ކޭސް ފެނިފައި ވާ ކަަމަށް ތައުފީގު ވިދާޅުވިއެވެ.
އެ ރަށުން ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި މިހާރު 18 އަހަރުން ދަށުގެ 2 ކުއްޖަކު ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި 4 މަހުގެ ކުއްޖެއް ހިމެނެއެވެ. މިއަދާއި އިއްޔެ އެރަށުން ޕޮޒިޓިވް ވި 9 މީހުންނަކީ ކުރިން ޕޮޒިޓިވް ކޭސްތަކާ ގުޅުން ހުރި ބައެއް މީހުންނާއި އެ ރަށުން ނަގާފައި ވާ ރެންޑަމް ސާމްޕަލް އިން ޕޮޒިޓިވް ވި މީހުން ކަމަށް ވެސް ތައުފީގު ވިދާޅުވިއެވެ.
އެ ރަށް މޮނިޓަރިންގެ ހާލަތަށް ލާފައި ވަނީ އެރަށުގައި ފުރަބަންދުގެ މުއްދަތު ފުރިހަމަ ކުރަން ދިޔަ ބަޔަކަށް މައުލޫމާތު ނުބައިކޮށް ދެވި ކަރަންޓީނުން ރިލީސް ކޮށްލުމާ އެކު އޭގެ ތެރޭގައި ޕޮޒިޓިވް ވެފައި ހުރި މީހަކު ބޭރަށް ނުކުމެ މީހުންނާ ކޮންޓެކްޓް ވި ފަހުން ކޮވިޑް ނަތީޖާ ޕޮޒިޓިވް ކަމަށް ލިބުމާ ގުޅިގެންނެވެ. މިހާރު އެ ރަށުގައި ރެންޑަމް ސާމްޕަލް ނަގަމުން ދާއިރު އެ ރަށުން އެހެން ރަށްރަށަށް، މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހަށް ފަހު ދަތުރު ކުރި މީހުންވެސް ކޮވިޑް ޓެސްޓު ހެދުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.
ހަމައެއާއެކު ޑިސެމްބަރު 25 ގެ ފަހުން ގއ. ދެއްވަދޫ އިން ދަތުރު ކޮށްފައި އެހެން ރަށަކަށް ދިޔަ ފަރާތެއް ނަމަ (ދެއްވަދޫއިން އައިތާ 14 ދުވަސް ހަމަނުވާނަމަ)، މިހާރު ޓެސްޓް ކުރުމުގެ އިތުރުން ދެއްވަދޫ އިން ދަތުރު ކުރިތާ 14 ދުވަސް ފުރިހަމަ ވަންދެން ކަރަންޓީނު ވާން ޖެހޭނެ ކަމަށް ވެސް އެޗްޕީއޭ އިން ބުނެފައި ވެއެވެ. އަދި ކަރަންޓީނު ނިމުމަށް ފަހު ޓެސްޓްކޮށް ނަތީޖާ ލިބެން ދެން ކަރަންޓީނުގައި ތިބުމަށް ވެސް އެޗްޕީއޭއިން އިލްތިމާސްކޮށްފައި ވެއެވެ.
ގއ. ދެއްވަދޫ އިން ފެނިގެން އުޅެނީ، ކޮވިޑްގެ އާ ސްޓްރެއިން ކަމެއް ނޫން ކަމެއް އަދި ޔަގީނެއް ނުވެއެވެ.