ސްކޫލުތަކުގެ މާހައުލަކީ ކުދިންނަށް ރާއްކަތެރި ތަނަކަށް ހައްދަވާ ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ، ދެވަނަ ޓާމުގެ ކިޔެވުން ފެށިފައި ވާއިރު ހުރިހާ ދަރިވަރުން ސްކޫލަށް ފޮނުވައި ދިނުމަށް އެދިވަޑައިގަންނަވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށުމާ ދިމާކޮށް މިނިސްޓަރު ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، ތައުލީމީ ހަޔާތުގައި ވޭތުވެ ދިޔަ އަހަރަކީ ވަރަށް ދަތި އަހަރެއް ކަމަށެވެ. ނަމަވެސް ދަރިވަރުންގެ ކިޔެވުން މެދުކެނޑުނަ ނުދީ ކުރިޔަށް ގެންދިޔުމަށް ސްކޫލްތަކުގެ މުދައްރިސުންނާއި ބެލެނިވެރިން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައި ވާ ކަމަށެވެ.

ދަރިވަރުން ސްކޫލަށް އައުމުގެ ފުރުސަތު ނުލިބި ގޭގައި ތިބުމަކީ އެކުދިންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމެއް ކަމަށް މިނިސްޓަރު ސިފަކުރެއްވިއެވެ. އެހެން ކަމުން ދަރިވަރުން ސްކޫލަށް ފޮނުވުމަށް ހުރިހާ ބެލެނިވެރިންގެ ކިބައިން އެދިވަޑައިގެންނެވިއެވެ. ދެވަނަ ޓާމްގެ ކިޔެވުން ފެށުމާއެކު ސްކޫލްތަކުގެ މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި ތަނަކަށް ހައްދަވާ ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް ވިދާޅުވިއެވެ.

" ހަމަ ހުރިހާ ކުދިންވެސް ތަންކޮޅެއް ބިރުގަނެފާނެ މިފަހަރު ސްކޫލަށް ހާޒިރުވެ ކިޔެވުމަށް. އެކަމު އަޅުގަނޑު ދަންނަވާނީ ކަންބޮޑުނުވާށޭ، ސްކޫލްތަކުގެ ތައްޔާރީތައް ވެފައި މި އޮތީ ތި ކުދިންނަށް ސްކޫލްތަކުގެ މާހައުލަކީ ރައްކާތެރި މާހައުލަކަށް ހެދުމަށްޓަކައި. އަދި ހަމަ މިގޮތަށް ހުރިހާ ސްކޫލެއްގެ މުވައްޒަފުން ދަނީ މަސައްކަތް ކުރަމުން."
އެޑިއުކޭޝަން މިނިސްޓަރު އަައިޝަތު އަލީ

މީގެ އިތުރުން ސްކޫލްތައް އަލުން ހުޅުވި އިރު ސްކޫލްތަކުގައި ސާފުތާހިރުވުމުގެ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދީފައި ވާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

ކޮވިޑް ބަލިމަޑުކަމުގައި ގިނަ ސްކޫލަތައް ބަންދުކޮށްފައި އޮތުމަށް ފަހު މިދިޔަ އަހަރު މެދެއްހާ ހިސާބުގައި ސްކޫލަށް ދަރިވަރުން ހާޒިރު ކޮށްގެން ކިޔަވައިދީފައި ވަނީ ގްރޭޑް 7 އިން މައްޗަށެވެ. އޭގެ ދަށް ގްރޭޑްތަކަށް ވަނީ އޮންލައިންކޮށް ކްލާސްތައް ހިންގާފައެވެ. 2020 ވަނަ އަހަރުގެ ކިޔެވުން ކޮވިޑާ ގުޅިގެން ފަސްކުރި ދެވަނަ ޓާމް މިއަދު ފަށާފައި ވާއިރު، މިފަހަރު ކިޔަވައި ދެނީ ހުރިހާ ގްރޭޑެއްގެ ދަރިވަރުން ސްކޫލަށް ހާޒިރު ކޮށްގެނެވެ.

ސްކޫލުތައް 3 ބަޔަކަށް ވަނީ ބަހާލާފައެވެ. އެގޮތުން ގައިދުރުކަން އިސްކުރުމާއެކު އެޗްޕީއޭގެ ގަވާއިދުތަކާ އެއްގޮތަށް ހުރިހާ ކުދިންނަށް އެއް ފަހަރާ ކިޔަވައި ދިނުމުގެ ކަންކަން އެއް ސެޝަނަކަށް ކުރިޔަށް ގެންދެވޭ ސްކޫލްތަކާއި، ގައިދުރުކަން އިސްކުރުމާއެކު އެޗްޕީއޭގެ ގަވާއިދުތަކާ އެއްގޮތަށް ދެ ސެޝަނަކަށް ބަހާލައިގެން ކިޔެވުން ކުރިޔަށް ގެންދަން ޖެހޭ ސްކޫލްތަކުގައި ދަރިވަރުން ހަފްތާގެ 5 ދުވަހު ސްކޫލަށް ހާޒިރުވާން ޖެހޭނެއެވެ.

އަދި ގައިދުރުކަން އިސްކުރުމާއެކު އެޗްޕީއޭގެ ގަވާއިދުތަކާ އެއްގޮތަށް ދެ ދުވަހުން އެއް ދުވަހު ގެންދާ ގޮތަށް ބަހާލައިގެން ކުރިޔަށް ގެންދަން ޖެހޭ ސްކޫލްތަކުގައި ކުދިން ސްކޫލަށް ހާޒިރުވާން ޖެހޭނީ ދެދުވަހުން އެއްދުވަހުއެވެ. އެ ރަށްރަށުގެ ކުދިންނަށް ދެ ހަފްތާގެ ތެރޭގައި ކޮންމެ ކުއްޖަކުވެސް 5 ދުވަހު ސްކޫލަށް ހާޒިރުވާން ޖެހޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ކީސްޓޭޖް 1 އިން ފެށިގެން ކީސްޓޭޖް 5 ގެ ދަރިވަރުންނަށް ހަފްތާގެ 5 ދުވަހު، ކޮންމެ ދުވަހަކު ސެޝަންގެ ދިގުމިނަކީ 4 ގަޑިއިރާއި 5 ގަޑިއިރާއި ދެމެދެވެ. ފައުންޑޭޝަންގެ ދަރިވަރުންނަށް ސެޝަންގެ ދިގުމިނަކީ ހަފްތާގެ 5 ދުވަހު، ކޮންމެ ދުވަހަކު މަދުވެގެން 2 ގަޑިއިރެވެ. ސެޝަންގެ ތެރެއިން މަދުވެގެން 60 މިނެޓް ހޭދަކުރާނީ ކުދިންގެ ހުން ބެލުމުގައާއި، އަތް ދޮވުމާއި، ހަރަކާތްތެރި ވުމުގައި ކަމަށް ގައިޑްލައިންގައި ވަނީ ފާހަގަ ކޮށްފައި ވެއެވެ.