ރޭޕް، ޖިންސީ ގޯނާ، ޖިންސީ ފުރައްސާރަ، މިއީ އަޅުގަނޑުމެންގެ މުޖުތަމައުގައި މިހާރަކަށް އައިސް ވަރަށް ގިނައިން އަޑުއިވޭ ބަސްބަހެވެ. އެހެން ގޮތަކަށް ބުނާނަމަ އާންމުވެފައިވާ ބަސްބަހެވެ. އެހެނަސް މިފަދަ ކުށްތަކުގެ ތަފާތު ނޭނގޭ ބަޔަކު ވެސް އެބަ އުޅެއެވެ. މިއިން ކޮންމެ ކުށެއްގެ ވާހަކަ ދެއްކިއަސް ވެސް އެއީ ރޭޕް ކުރުމޭ ބުނެ ލޭބަލް ކުރާ ބައެއް އެބަ އުޅެއެވެ. ނުރުހުމުގައި މީހެއްގެ ގައިގައި އިނގިލި ކުރި ޖައްސައިލިޔަސް އެ ވާނީ ރޭޕަށް ކަމުގައި ބުނެއެވެ.
ރޭޕް، ޖިންސީ ގޯނާ އަދި ޖިންސީ ފުރައްސާރަ ފަދަ ކުށްތަކުގެ ވާހަކަ ދެއްކުމުގައި މިފަދަ ބަސްމަގު ބައެއް ފަރާތްތަކުން ގެންގުޅެނީ ކީއްވެ ކަމެއް ނޭނގެއެވެ. ފަހަރުގައި ރޭޕް އަދި އެހެނިހެން ޖިންސީ ކުށްތަކުގެ ފަރަގު ނޭނގެނީއެވެ. ނުވަތަ އެކަން ގަބޫލު ކުރަން ބޭނުން ނުވަނީއެވެ. ނުވަތަ ގަސްދުގައި މީހެއްގެ އަގު ވައްޓާލަން އުޅެނީ ކަމަށް ވެސް ވެދާނެއެވެ. ކޮންމެއަކަސް ޖިންސީ ކުށްތައް ތަފާތު ވާ ގޮތް ކިޔުންތެރިންނާ ހަމައަށް ގެނެސް ދެވޭތޯ މަސައްކަތް ކޮށްލާނަމެވެ.
ރޭޕް
ރޭޕް ކުރުމަކީ ދެމަފިރިން ކަމުގައި ނުވާ ދެމީހުންގެ ދެމެދުގައި މީހެއްގެ ޖިންސީ ގުނަވަނެއް، އެހެން މީހެއްގެ ޖިންސީ ގުނަވަނަކަށް ނުވަތަ އެހެން ގުނަވަނަކަށް ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް އެމީހެއްގެ ރުހުމާ ނުލާ ވެއްދުމެވެ. މި މާނަ ކުރުމުގައި އިސްތިސްނާ ހާލަތްތައް ހިމެނޭނެއެވެ. އެ ހާލަތްތަކުގެ ތެރޭގައި ވަރީގެ މަރުހަލާގައި އަނބިމީހާގެ ރުހުމާ ނުލާ ޖިމާއުވުމާއި، ވަރިނުވިއަސް ދެ މީހުން އެއްބަސް ވެފައިވާ ގޮތުގެ މަތިން ވަކިން ދިރިއުޅެމުން ދަނިކޮށް ރުހުމާ ނުލާ ޖިމާއުވުން ހިމެނެއެވެ.
ރޭޕަކީ ގާނޫނުގައި ބަޔާން ކުރާ އެންމެ ބޮޑު ޖިންސީ ކުށެވެ.
ޖިންސީ އަނިޔާ/ގޯނާ
ޖިންސީ އަނިޔާ އަކީ މީހެއްގެ ރުހުމާ ނުލާ، އޭނާގެ ޖިންސީ ގުނަވަނަކަށް ނުވަތަ އެހެން ގުނަވަނަކަށް، އެހެން މީހެއްގެ ހަށިގަނޑުގެ އެއްވެސް ބައެއް ނުވަތަ އެއްޗެއް ވެއްދުމެވެ.
ޖިންސީ ގޯނާ އަކީ މީހެއްގެ ރުހުމާ ނުލާ އޭނާގެ ޖިންސީ ގުނަވަނެއްގައި މީހަކު އަތްލުން ނުވަތަ އެއްވެސް އެއްޗެއް މެދުވެރިކޮށްގެން އަތްލުމެވެ. މީހެއްގެ ޖިންސީ ގުނަވަނެއް އޭނާގެ ރުހުމާ ނުލާ ހާމަ ކުރުވުމާއި މީހެއްގެ ޖިންސީ ގުނަވަނަކަށް އޭނާގެ ރުހުމާ ނުލާ ހާނީއްކައެއް ނުވަތަ އިހާނެތި އަމަލެއް ކުރުމަކީ ވެސް ޖިންސީ ގޯނާއެވެ.
ޖިންސީ ފުރައްސާރަ
ޖިންސީ ފުރައްސާރަ ކުރުމަކީ ފުޅާކޮށް މާނަ ކުރެވޭ ބަހެކެވެ. އެގޮތުން ޖިންސީ ފުރައްސާރައިގެ ގޮތުގައި:
- ފޮށުމުގެ ގޮތުން ތުނބުން ފުމުން
- އުނދަގޫވާ ގޮތަށް ޖިންސީ ގުނަވަނަކަށް ބެލުން
- ހަށިގަނޑުގެ އެއްވެސް ތަނެއްގައި ބީހުން، ބެއްދުން
- ސަލާމްކުރުމުގެ ގޮތުން އަތުގައި ހިފުމަށް ފަހު، ދޫނުކޮށް އަތަށް ފިތުން ނުވަތަ ކޮއްޓުން
- އޮރިޔާން ކާޑު ނުވަތަ ބަދުއަހުލާގީ އަމަލު ހިންގަމުންދާ މަންޒަރު ދައްކުވައިދޭ ފޮޓޯ، ކުރެހުން، ވީޑިއޯ ދެއްކުން
- ފޮށުމުގެ ގޮތުން ހަށިގަނޑުގެ ގުނަވަންތަކަށް ނިސްބަތްކޮށް ޖިންސީ ގޮތުން ނޭދެވޭ ވާހަކަ ދައްކާ ސަމާސާ ކުރުން މިއެވެ.
ޖިންސީ ފުރައްސާރައަކީ މިއަދުގެ މުޖުތަމައުގައި އާންމު ވެފައިވާ ކަމެކެވެ. މަގަކަށް ނިކުމެލިޔަސް ޖިންސީ ފުރައްސާރައެވެ. ގޭގައި ހުއްޓަސް ޖިންސީ ފުރައްސާރައެވެ. ވަޒީފާގެ މާހައުލުގައި ވެސް ޖިންސީ ފުރައްސާރައެވެ. ވަޒީފާގެ މާހައުލަކީ އާންމު ގޮތެއްގައި އެންމެ ގިނަ މީހުން ޖިންސީ ފުރައްސާރައާ ކުރިމަތި ލާން ޖެހޭ ތަނެވެ. ވަޒީފާއާ ބެހޭ ޝަރުތުތަކާއި ހުށަހެޅުންތައް ވެސް ޖިންސީ ފުރައްސާރައިގެ ސިފައިގައި އާދެއެވެ. އެގޮތުން ޖިންސީ އެދުމެއް ފުއްދައި ދިނުމަށް ނުވަތަ ފުރައްސާރަ ބަލައިގަތުމަށް ޝަރުތުކޮށް ވަޒީފާގެ ކުރިއެރުން ދިނުމާއި އެފަދަ ކަމަކާ ގުޅިގެން ވަޒީފާގެ ބިރު ދެއްކުމަކީ ވެސް ޖިންސީ ފުރައްސާރައެވެ.
ތަފާސް ހިސާބުތަކަށް ބަލާލާއިރު، ރޭޕް ކުރުމުގެ މައްސަލަތައް ރިޕޯޓް ކުރަނީ އެވްރެޖްކޮށް އަހަރު 4 މައްސަލައެވެ. ޖިންސީ ފުރައްސާރައިގެ މައްސަލަތަކަށް ބަލާލާއިރު، މިދިޔަ 2020 ވަނަ އަހަރު 72 މައްސަލަ އެއް ރިޕޯޓް ކުރިއެވެ. މިއީ ވޭތުވެދިޔަ 5 އަހަރާ އަޅާބަލާއިރު ޖިންސީ ފުރައްސާރައިގެ މައްސަލަތައް އެންމެ ގިނައިން ރިޕޯޓްކުރި އަހަރެވެ.
ރުހުން
"ނޯ މީންސް ނޯ"، މިއީ ޖިންސީ ކުށްތަކުގެ ވާހަކަ ދައްކާއިރު އާންމުކޮށް އަޑު އިވޭ ޖުމްލައެކެވެ. ދޭހަ ކޮށްދޭ މާނައަކީ މީހަކު ކަމަކަށް އިންކާރު ކުރުމުން، އޭނާ އެ ކުރީ އިންކާރު ކަން ބަލައިގަންނަން ޖެހޭ ކަމެކެވެ. މީހެއްގެ ރުހުމާ ނުލާ އޭނާ ގައިގައި އަތްލުމަކީ އޯކޭ ކަމެއް ނޫން ކަމެވެ. ގިނަ ފަހަރު ޖިންސީ ކުށްތަކަކީ އަނެކާގެ ރުހުން ނެތި ކުރާ އަމަލު ތަކުގެ ނަތީޖާއެވެ.
ނަމަވެސް ބައެއް ފަހަރު ރުހުން ހޯދައިގެން މިފަދަ އަމަލު ކުރުމުން ވެސް އެއީ ކުށެއް ކަމަށް ބެލެވެއެވެ. ރުހުން ހޯދިއަސް އެއީ ރުހުން ހޯދުން ކަމުގައި ނުބެލެވޭ ހާލަތްތައް:
- އިންޒާރު ދީ ބިރު ދައްކައިގެންނާއި އަނިޔާ ކޮށްގެން ހޯދާ ރުހުން. (އިންޒާރު ދިނުމުގައި މަރުގެ އިންޒާރު، އަނިޔާ ކުރާނެ ކަމުގެ އިންޒާރުގެ އިތުރުން އެހެން މީހަކަށް އަނިޔާ ކުރުން ނުވަތަ މަރާލުމުގެ އިންޒާރު ހިމެނޭ)
- ދޮގު ހަދައި، ހަގީގަތް އޮޅުވާލައިގެން ހޯދާ ރުހުން
- ކުރެވެނީ ކޮންކަމެއްކަން އޮޅުވާލައިގެން ހޯދާ ރުހުން
- ކުށްކުރާ މީހާއާ އޮތް ގުޅުން އޮޅުވާލައިގެން ހޯދާ ރުހުން
- ކުޑަކުދިން ދޭ ރުހުން (އުމުރުން 18 އަހަރު ނުވާ ކުއްޖަކަށް ޖިންސީ ގުޅުން ހިންގުމަށް ރުހުން ނުދެވޭނެ) މިއެވެ.
ގާނޫނުގައި ޖިންސީ ގޯނާ، ޖިންސީ އަނިޔާ، ޖިންސީ ފުރައްސާރަ އަދި ރޭޕްގެ އިތުރުން ވެސް އެތައް ކުށެއް ބަޔާން ކޮށްފައި ވެއެވެ. މީގެ އިތުރުން ކުޑަކުދިން ހިމެނޭހެން ކުރާ އެތައް ޖިންސީ ކުށެއް ގާނޫނުގައި ބަޔާން ކޮށްފައި ވެއެވެ. ކުޑަކުދިން ހިމެނޭހެން ކުރާ ކުށްތަކަކީ އެކަމަށް ހާއްސަ އަދަބުތައް ކަނޑައަޅާފައިވާ ކުށްތަކެވެ. އެގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކުން އަމަލު ކުރުމާ ބެހޭ ގާނޫނުން އަދަބު ކަނޑައަޅާއިރު، އެހެނިހެން ކުށްތަކަށް އަދަބު ކަނޑައަޅާނީ ޖިންސީ ކުށުގެ ގާނޫނުންނެވެ.