ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ފައިޒާ އަދި ބައޮއެންޓެކް ކުންފުނި ގުޅިގެން ތަރައްގީ ކޮށްފައި ވާ ވެކްސިންގެ 2 ވަނަ ޑޯޒް ހަމަ ކުރުމުގެ މުއްދަތު، 6 ހަފްތާއަށް ފަސް ކުރެވިދާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ މުޝީރުން ވިދާޅުވެއްޖެއެވެ.

ވެކްސިނާ ގުޅުން ހުރި ކަންކަމުގައި ޑަބްލިއުއެޗްއޯއަށް ލަފާ އަރުވާ މުޝީރުންގެ ޕެނަލް ނުވަތަ ސްޓްރެޓީޖިކް އެޑްވައިޒަރީ ގްރޫޕް އޮފް އެކްސްޕާޓްސް އޮން އިމިއުނައިޒޭޝަން (ސޭޖް) އިން މިކަން ހާމަ ކުރީ، ކުއްލި ހާލަތުގައި ފައިޒާ/ބައޮއެންޓެކްގެ ކޮވިޑް ވެކްސިން ބޭނުން ކުރުމާ ބެހޭ ވަގުތީ ގައިޑްލައިންގައެވެ.

މި ގައިޑްލައިންގައި ބުނެފައި ވަނީ، މިހާތަނަށް ލިބިފައިވާ ކްލިނިކަލް ޓްރަޔަލްތަކުގެ ތަފާސް ހިސާބުތަކަށް ރިއާޔަތް ކުރާއިރު، ފައިޒާ/ބައޮއެންޓެކްގެ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ނެގުމަށްފަހު، 2 ވަނަ ޑޯޒް ހަމަ ކުރުމާ ދެމެދު 42 ދުވަހުގެ މުއްދަތެއް ހޭދަ ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ފައިޒާ/ބައޮއެންޓެކްގެ ވެކްސިން ދިނުމުގައި އެ ކުންފުނިތަކުން އެންމެ ފުރަތަމަ ކަނޑައެޅީ 21 ދުވަހުގެ މުހުލަތެކެވެ. ނަމަވެސް، މި މުއްދަތު އިތުރު ކުރެވިދާނެ ކަމަށް ހޯދުންތަކުން ދައްކާފައި ވާއިރު، ދެވަނަ ޑޯޒް ލިބިގަތުމުން ބަޔަކު މަހްރޫމު ނުވާ ފަދަ ގޮތަކަށް މި މުހުލަތަށް ބަދަލު ގެނައުމަށްވެސް ސޭޖުން ވަނީ އިރުޝާދު ދީފައެވެ.

ވެކްސިން ގެ 2 ޑޯޒްގެ ދެމެދުގައި ހޭދަވާ މުއްދަތު އިތުރު ކުރުމަށް ބައެއް ގައުމުތަކުން ނިންމާފައި ވަނީ ވީހާވެސް ގިނަ ބަޔަކަށް ފުރަތަމަ ޑޯޒް ފޯރުކޮށްދީގެން ކޮންމެވެސް ވަރެއްގެ ދިފާއެއް، އާބާދީގެ ބޮޑު އިންސައްތައަކަށް ކަށަވަރުކޮށްދިނުމުގެ ނިޔަތުގައެވެ. މިކަން މިހެން ކުރަން ޖެހުނީ، ޑިމާންޑާ އެއްވަރަށް އަދިވެސް ވެކްސިން އުފެއްދެމުން ނުދާތީއެވެ.