ވައްކަން ކުރަން އުޅުނު އިރު ޖީބުގައި އޮތް ފޯނަކަށް ފިތި، އޮޅުމެއްގެ ތެރޭގައި ކުރެވުނު ފޯނު ކޯލެއްގެ ސަބަބުން، ހިންގަން އުޅުނު ޖަރީމާ ކާމިޔާބު ނުވެ، އިނގިރޭސިވިލާތުގެ 2 ވަގަކަށް، ފުލުހުންގެ ބެލުމުގެ ދަށަށް ދާން ޖެހިއްޖެއެވެ.

އިނގިރޭސިވިލާތުގެ ސްޓެފާޑްޝަޔާ ސަރަހައްދުގައި ހިނގާދިޔަ މިހާދިސާގައި، ވަގުން ހައްޔަރު ކުރުމަށް ފުލުހުންނަށް އިޝާރާތް ކުރީވެސް ހަމަ އެ 2 ވަގުންނެވެ. ވައްކަން ކުރުމުގެ ތެރޭގައި، ފޯނަށް ފިތިގެން، އެ ވަގުންނަށް ގުޅުނީ ފުލުހުންނާ ކަމަށް މައުލޫމާތު ލިބެއެވެ. މިއާއެކު، ދުނިޔޭގައި ތިބި އެންމެ "ބަދު ނަސީބު" ވަގުންގެ ސިއްކަ، އެ 2 މީހުންނަށް ވަނީ ދީފައެވެ.

ވައްކަން ކުރަން އުޅުނު 2 މީހުންގެ ތެރެއިން އެކަކު އިށީން ވަގުތު، 999 (އިނގިރޭސިވިލާތުގެ އެޖާމެންސީ ނަމްބަރު) އަށް ގުޅުނީ ކަމަށާ، ވައްކަން ކުރުމުގެ ހުރިހާ އަޑުތަކެއް ފުލުހުން އަހަން ފެށީ އެހާ ހިސާބުން ކަމަށް މައުލޫމާތު ލިބެއެވެ. އަދި ސީންއަށް ގޮސް، ފުލުހުން އެ މީހުން ހައްޔަރު ކުރި އިރުވެސް އެ ކޯލު ކުރިއަށް ދިޔަ ކަމަށް ހަބަރު ލިބެއެވެ.

މި ކަން ބަޔާންކޮށް ޗީފް އިންސްޕެކްޓާ ޖޯން އޯވެން ކުރެއްވި ޓްވީޓެއްގައި، މަޝްހޫރު ފިލްމް "ހޯމް އަލޯން" ގެ ޖިފްއެއްވެސް ވަނީ ހިއްސާކުރައްވާފައެވެ.

2016 ވަނަ އަހަރު ފަރަންސޭސިވިލާތުގައިވެސް މިޒާތުގެ ކަމެއް ވަނީ ހިނގާފައެވެ. އެ ފަހަރު މެކްޑޮނާލްޑްސް އައުޓްލެޓަކުން ވައްކަން ކުރަން އުޅުނު 2 މީހުންގެ މަސައްކަތް ނާކާމިޔާބުވިއެވެ. ޖަރީމާ ހިންގަން އުޅުނު ވަގުތު ވީ، ޕެރާމިލިޓްރީ ފުލުހުންގެ ހަތިޔާރުއެޅި، 11 މެމްބަރުންގެ ފައުޖެއް އެ އައުޓްލެޓް ތެރޭގައި ކާން ތިބި ވަގުތަކަށެވެ.