3 މީހުންނާއެކު ދަތުރުކުރި ދޯންޏެއް ގިރިއަކަށް އަރާ، ދޯނީގެ ބޮޑުބައި އަޑިއަށް ގޮސްފިއެވެ.

ފުލުހުން ބުނީ މުދާ އަރުވައިގެން ތިން މީހުންނާއެކު ރ. މީދޫއަށް ދަތުރުކުރި ދޯންޏެއް މިއަދު 01:03 ހާއިރު ރ. ފިލާދޫ ކައިރިން ގިރިއަކަށް އަރާފައިވާ ކަމަށެވެ.

އެގޮތުން ގިރިއަށް އަރާ ދޯނީގެ ބޮޑު ބައެއް އަޑިއަށް ގޮސް ފަޅުވެރިން ކަނޑުވެފައި ވަނިކޮށް ފުލުހުން، އެމީހުން ސަލާމަތް ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ 3 މީހުންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

މީގެ ކުރިން މިފަދަ ގިނަ ހާދިސާތައް ވަނީ ހިނގާފައެވެ. އެގޮތުން މިދިޔަ އަހަރު ތެރޭ 9 މީހުންނާއެކު ދަތުރުކުރި ބޯޓެއް ގިރިއަކަށް ވަނީ އަރާފައެވެ. އެބޯޓު އަރާފައިވަނީ ގދ. ދާންދޫ ކައިރި އޮތް ގިރިއަކަށެވެ.

އޭގެ އިތުރުން މީގެ ކުރިން 34 މީހުންނާ އެކު ދަތުރުކުރި ސަފާރީއެއް ވެސް ވަނީ ގިރިއަކަށް އަރާފައެވެ.

ކަނޑުމަތީގައި ހިނގާ މިފަދަ ހާދިސާތަކަށް އެމްއެންޑީއެފުން އަދި ފުލުހުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.