ސްކޫލު ކުދިން، ހަފްތާ ބަންދު ތެރޭ ގޭތެރޭގައި މާސްކު އަޅައިގެން އުޅެ ފަރިތަ ކޮށްލުމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

އެކަޑަމިކް ކަލަންޑަރުގައިވާ ގޮތަށް މި މަހުގެ 10 ވަނަ ދުވަހު 2020-2021 ދިރާސީ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ފެށުމަށް ހަމަޖެހިފައި ވާއިރު ބޭބީ ނާސަރީ އިން ފެށިގެން ގްރޭޑް 12 ގެ ދަރިވަރުންނަށް ވެސް އެދުވަހު ކިޔެވުން ފެށޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ސްކޫލުތަކުގެ ކިޔުން ފެށުމަށް ހަމަޖެހިފައި ވާއިރު އެކަމާ ގުޅިގެން ޑރ. ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަދުރަސާގައި 5 ގަޑިއިރު ވާނަމަ މި ހަފްތާ ބަންދު ތެރޭ އެވަރަށް ގޭތެރޭގައި މާސްކު އަޅައިގެން އުޅެ ފަރިތަ ކޮށްލުން ރަނގަޅު ކަމަށެވެ.

އޭގެ އިތުރުން މާސްކު ނަގާނެ ގޮތާއި އަޅާ ގޮތް ވެސް އެނގެން ވާނެ ކަމަށާއި އަނގަޔާ، ނޭފަތާ ލޮލުގައި އަތްނުލާ އުޅެމާއި 20 ސިކުންތު ވަންދެން އަތް ދޮންނަން އަދި ސެނިޓައިޒާ އުގުޅަން ވެސް ދަސްކުރަން ވާނެ ކަމަށް ޑރ. ފައިސަލް ވަނީ ވިދާޅުވެފައެވެ.

މާލެ ސަރަހައްދުގައި މާސްކް އެޅުން މަޖުބޫރު ކޮށްފައި ވާއިރު، ބޭރުގައި އުޅޭއިރު މާސްކު އެޅުމުން އިސްތިސްނާވާ ބަޔަކު އުޅެއެވެ. އެއީ އުމުރުން ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި އެހެން މީހެއްގެ އެހީއާ ނުލާ މާސްކު އަޅާއި މާސްކު ނުނެގޭ މީހުންގެ އިތުރުން ކަސްރަތު ކުރުމަށް ނިކުމެ އުޅޭ ވަގުތު ކަސްރަތު ކުރާ މީހުންނެވެ.

މާސްކު އަޅާއިރު މާސްކުގައި ވަކި ސިފަތަކެއް ހުންނަން ޖެހެއެވެ. އެގޮތުން، މާސްކު އަޅާއިރު ނޭފަތާއި އަނގަ ރަނގަޅަށް ފޮރުވެން ޖެހޭނެއެވެ. އަދި މާސްކު މޫނަށް ފިޓް ވެފައި ހުންނަން ޖެހޭއެިރު، މާސްކުގެ ފަހަތުގައި ކަންފަތުން އެޅުވޭ ގޮތަށް ހުންނަ ލޫޕެއް ނުވަތަ ފަހަތުން އެއްސޭ ގޮތަށް ހުންނަން ވާނެއެވެ. މާސްކުގައި މަދުވެގެން ދެ ފަށަލަ ނުވަތަ ތިން ފަށަލަ ހުންނަން ޖެހޭއިރު، މާސްކް އަޅާފައި ހުންނައިރު ރަނގަޅަށް ނޭވާ ލެވެން ޖެހޭނެއެވެ.

މާސްކުގެ ބޯ މިނުން ނުވަތަ މާސްކު ހެދިފައިވާ ގޮތަކުން ނޭވާ ދައުރު ނުވާ ގޮތަކަށް ހުރެގެން ނުވާނެއެވެ. ހަމައެއާއެކު މާސްކު ހަދާފައި ހުންނަ ފޮއްޗަކީ ފަސޭހައިން ތެމޭ ކަހަލަ ފޮއްޗަކަށް ވެގެން ނުވާނެއެވެ. އެއީ ކޮންމެވެސް ވަރެއްގެ ވޯޓާ ރެޕެލެންޓް ފޮއްޗަކަށް ވާން ޖެހޭނެއެވެ.

މާސްކުގައި މި ސިފަތައް ހުންނައިރު، އަމިއްލައަށް މާސްކް ނަގަން ނޭނގޭ ވަރުގެ ކުޑަކުދިންނާއި މީހުން މާސްކު އެޅުވުމަކީ އެންމެ ރައްކާތެރި ގޮތެއް ނޫނެވެ. އަދި މާސްކު އެޅުމުގެ ސަބަބުން ނޭވާ ހާސްވާ މީހުން މާސްކު އެޅުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ސިއްހީ ހިދުމަތްތެރިން އިރުޝާދު ދެއްވައެވެ.