މާލޭގައި ބޭއްވި ކައިވެނި ހަފްލާއަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 97 އަށް އަރައިފިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ކައިވެނި ކްލަސްޓާއާ ގުޅިގެން ޖުމްލަ 97 މީހަކު ޕޮޒިޓިވް ވެފައި ވާ ކަމަށާއި އޭގެ ތެރެއިން 67 މީހުންނަކީ ޕާޓީއަށް ދިޔަ މީހުން ކަމަށެވެ.

އޭގެ އިތުރުން 27 މީހުންނަކީ ޕޮޒިޓިވް ވި މީހުންގެ ގޭގޭގައި ދިރިއުޅޭ މީހުން ކަމަށް ވެސް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ.

ޑރ. ނަޒްލާ ވިދާޅުވީ މި ކޭސްތަކާ ގުޅިގެން މިހާތަނަށް 287 ކޮންޓެކްޓުން ދެނެގަނެވިފައި ވާ ކަމަށެވެ.

ޝީ ބިލްޑިންގައި ބޭއްވި މި ޕާޓީގައި ގާތްގަނޑަކަށް 120 މީހުން ވަނީ ބައިވެރި ވެ ފައެވެ. އަދި ކޮވިޑްގެ އަލާމާތްތައް ހުރި ބަޔަކު އެ ހަފްލާގައި ބައިވެރިވެފައި ވާއިރު، މި ހަފްލާއިން ޕޮޒިޓިވް ވި މީހުންނާ ގުޅުން ހުރި، ޔޫކޭއިން ރާއްޖެ އައި މީހަކު ކޮވިޑަށް ވަނީ ޕޮޒިޓިވް ވެފައެވެ. އެމީހާ އަކީ ކައިވެނި ކްލާސްޓާއާ ގުޅުން ހުރި އާއިލާއެއްގެ މެންބަރެއް ކަމަށް އެޗްއޯސީން ބުނެއެވެ.

އެޗްއޯސީން ބުނީ އޭރު ގަވައިދު އޮތް ގޮތުން ޔޫކޭ އިން އަންނަ މީހުން ކަރަންޓީނު ވާން ނުޖެހޭ ކަމަށެވެ. ނަމަވެސް އެމީހާގެ ކިބައިން ބަލީގެ އަލާމަތްތައް ފެނި ޓެސްޓު ކޮށްފައިވާ ކަމަށެވެ. އަދި އެއީ ޔޫކޭން ފެނުނު ކޮވިޑުގެ ސްޓެރެއިންގެ ކޭސްއެއް ކަމެއް އަދި ބެލޭނެ ގޮތެއް ނެތް ކަމަށް އެޗްއޯސީން ބުނެއެވެ.

މި ހަފްލާއަށް ދިޔަ ފަރާތްތަކުގެ ތެރެއިން އެޗްއީއޯސީން ނުގުޅާ ފަރާތްތަކުން 1676 އަށް ގުޅާ ވިހާވެސް ގިނަ މައުލޫމާތު ހިއްސާ ކުރުމަކީ މުހިންމު ކަމެއް ކަމަށް އެ ސެންޓަރުން ބުނެއެވެ. އަދި އެ ސެންޓަރުން ގުޅިފައި ނުވި ނަމަވެސް ގެއިން ބޭރަށް ނުނިކުމެ ގޭގައި އެކަހެރިވެ ތިބުމަށް އެޗްއީއޯސީން ވަނީ އެފަރާތްތަކަށް އިލްތިމާސް ކޮށްފައެވެ.