ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހިގެން މަރުވާ މީހުންގެ ހަށިގަނޑު ނައްތާލުމަށްޓަކައި ގަބުރު އަންދާލުން ނޫން އެހެން ގޮތެއް ނެތް ކަމަށް، ސްރީލަންކާގެ ސިއްހަތާ ބެހޭ ވަޒީރު ޕަވިތުރާ ވަންނިއަރައްޗީ ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ސިއްހަތާ ބެހޭ ވަޒީރު މިކަން ހާމަ ކުރެއްވީ، ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުންގެ ގަބުރުވެސް އަންދައިގެން ނައްތާލާ މައްސަލާގައި އެހެން ގޮތެއް ހޯދާ ދިނުމަށް އެދި ލަންކާގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކާ ގުޅިގެން، ހާއްސަ ކޮމިޓީއަކުން އެ ކަން ބެލުމަށްފަހު، އެ ކޮމިޓީގެ ނިންމުން، ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހަށް ބަޔާން ކޮށްދެއްވަމުންނެވެ.

ކޮވިޑް ޖެހިގެން މަރުވާ މީހުންގެ ގަބުރު އެންދުން ނޫން އެހެން ގޮތެއް ނެތް ކަމަށް ކޮމިޓީއިން ނިންމާފައި ވާ ކަން ބަޔާންކޮށްދެއްވަމުން ވަޒީރު ވަނީ، މިކަމުގައި ދީނީ އަދި އެހެންވެސް ސަބަބަކާ ހެދި އިސްތިސްނާއެއް ދެވޭނެ އެއްވެސް ހާލަތެއް ނޯންނާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ސްރީލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ކުރިމަތިވެފައިވާ ދަތިތައް ހައްލު ކޮށްދިނުމަށް ދިވެހި ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަން ދިވެހި ރާއްޖޭގެ ހާރިޖީ ވުޒާރާއިން ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ކަށަވަރުކޮށްދީފައެވެ.