ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ކުރާ ދައުވާ އަކާއި ގުޅިގެން، އޭނާއަށް ބޭސްފަރުވާ ކުރުމުގެ ފުރުސަތު ނުދީ ޕާސްޕޯޓު ހިފަހައްޓަން ކޯޓު އަމުރު ނެރުނު މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް ޝަރީއަތް ފަށަން ތައްޔާރުވެއްޖެއެވެ.
ޖިހާދުގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރެއްވި ކަމަށް ބުނެއެވެ. އެ މައްސަލާގައި ދައުވާކޮށް ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ބޭސްފަރުވާއަށް ވަޑައިގަތުމުގެ ހުއްދަ ދެއްވުމަށް ޖިހާދު އެދުމުން ވެސް ކްރިމިނަލް ކޯޓުން ނިންމީ އެ ހުއްދަ ނުދިނުމަށެވެ.
ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ނުދިނުމާއި ގުޅިގެން ޖިހާދު ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. އެ މައްސަލަ ހައި ކޯޓުގައި ތާވަލުކޮށްފައި ވަނީ މާދަމާ ހަވީރު 3:30 އަށެވެ.
ކްރިމިނަލް ކޯޓުން އެ ހުއްދަ ނުދިނުމަށް ނިންމާފައި ވަނީޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާއަށް ބަލާއިރު އޭނާ ފިއްލަވާފާނެ ކަމުގެ އިހުތިމާލު އޮތުމުން ކަމަށް ބުނެއެވެ. އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ މިމަހު 20 ވަނަ ދުވަހާ ހަމައަށެވެ.
ޖިހާދުގެ މައްޗަށް ޕީޖީޏް ދައުވާ ކޮށްފައި ވަނީ ކ. ފުށިދިއްގަރުފަޅު، ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅިގެން އޭރުގެ ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައި، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫންގޮތަކަށް އަމަލު ކުރެއްވި ކަމަށް ބުނެއެވެ. މި މައްސަލައަކީ ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއާ ބެހޭ ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރުމަށް ފަހު ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވި މައްސަލައެކެވެ.
މި މައްސަލަ 2013 ގެ އޮގަސްޓް މަސް ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅި، އެ ކޮމިޝަނުން ތަހުގީގު ކުރުމަށް ފަހު 2016ގެ ފެބްރުއަރީ ގައި ވަނީ ކޮރަޕްޝަން އެކުލެވިގެން ނުވާ ކަމަށް ނިންމާފައެވެ. މި މައްސަލަ އެސެޓް ރިކަވަރީ ކޮމިޝަނަށް ހުށަހެޅީ، މިއީ ފާޅުކަން ބޮޑު ގޮތެއްގައި ކޮރަޕްޝަން ހިމެނޭ މައްސަލައެއް ކަމަށް ވާތީ ކަމަށް ޕީޖީން ބުނެއެވެ.