ލޯކަލް ކައުންސިލް އިންތިހާބު އަންނަ އެޕްރީލް މަހުގެ 3 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން (އީސީ) އިން ބުނެފިއެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަސްކުރެވިފައިވާ ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އެޕްރީލް 3، 2021 ގައި ބޭއްވުމަށް ތާވަލް ކުރަން މިއަދު އީސީން ނިންމާފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ އެޕްރީލް މަހުގައި ބޭއްވުމަށް ތައްޔާރުވި ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައި ވަނީ ކޮވިޑް-19އާ ގުޅިގެންނެވެ. މި އިންތިހާބު އަންނަ މާޗު މަހުގެ 6 ވަނަ ދުވަހު ބާއްވަން އީސީން މަސައްކަތް ކުރަމުން އައި ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ފެބްރުއަރީ މަހަށް ދަންމާލުމާ ގުޅިގެން އެ ތާރީހުގައި އިންތިހާބު ނުބޭއްވޭނެ ކަމަށް އީސީން ބުނެއެވެ.

ޝަރީފް ވިދާޅުވީ އިންތިހާބު ބޭއްވޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވަލާތާ މަދުވެގެން 2 މަސް ފަހުން ކަމަށެވެ. އަދި އިންތިހާބު ބޭއްވުމަށްޓަކައި ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ ފެބްރުއަރީ މަހު މަޖިލިސް ހުޅުވެން ވާއިރަށް ގާނޫނަށް އިސްލާހު ގެނައުމަށް ބިލް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރުމުން ކެމްޕޭން ވެސް ހުއްޓުނެވެ. އެހެން ނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާއި އެއްގޮތަށް ސިޔާސީ ޕާޓީތަކަށް ކެމްޕޭން ކުރިއަށް ގެންދަން އެއްވެސް ހުރަހެއް ނެތް ކަމަށް އެޗްޕީއޭ އިން ބުނެފައި ވެއެވެ. އަދި މި ހާލަތުގައި އިންތިހާބު ރައްކާތެރިކަމާއެކު ބޭއްވުމަށް އީސީ އާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އެޗްޕީއެއިން ބުނެފައި ވެއެވެ.