ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް އިންޑިއާގެ އަމިއްލަ ފަސްގަނޑުގައި ތަރައްގީ ކޮށްފައިވާ ވެކްސިން، ކުރިއަށް އޮތް 2 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ ގައުމުން ބޭރަށް އެކްސްޕޯޓް ކުރަން ފަށާނެ ކަމަށް، އިންޑިއާގެ ހާރިޖީ ވުޒާރާގެ އޮފިޝަލަކާ ހަވާލާދީ، ބީބީސީއިން ރިޕޯޓް ކޮށްފިއެވެ.
އިންޑިއާއިން ތަރައްގީ ކުރާ ކޮވިޑް-19ގެ ވެކްސިން އެ ގައުމުން ބޭރަށް މިވަގުތު އެކްސްޕޯޓް ނުކުރާނެ ކަމަށާ، މިވަގުތު އިންޑިއާގައި ވެކްސިން އުފައްދަނީ ދާހިލީ ޑިމާންޑަށް ކަމަށް ބުނެ އިއްޔެގެ ވަގުތެއްގައި މީޑިއާގައި ދައުރުވީ ހަގީގަތެއް ނެތް ރިޕޯޓްތަކެއް ކަމަށް ހާރިޖިއްޔާގެ އޮފިޝަލު ވިދާޅުވި ކަމަށްވެސް ބީބީސީއިން ބުނެއެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި އުފައްދާ ވެކްސިންތަކުގެ 60 ޕަސެންޓް ހިއްސާ ކުރަނީ އިންޑިއާއިން ކަމަށް ވާއިރު، އިންޑިއާ މެދުވެރިކޮށް، ވެކްސިން ލިބޭނެ ކަމުގެ އުއްމީދުގައި އޮތް ގައުމުތަކުގެ އަދަދު އިންތިހާއެވެ.
މި ދަނޑިވަޅަކީ އިންޑިއާއިންވެސް 2 ވެކްސިނަކަށް ރުހުން ދީ، އާންމު އުސޫލުން ވެކްސިން ދިނުމުގެ ބޮޑު ކެމްޕޭނަކަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ދަނޑިވަޅެކެވެ. އިންޑިއާއިން ވަނީ ޖުލައި މަސް އަންނައިރު، 300 މިލއިަން މީހުންނަށް، ކޮވިޑް-19އާ ދެކޮޅަށް ދިފާއު ހޯދާ ދިނުމަށް އަމާޒު ހިފާފައެވެ.
އިންޑިއާގެ ހާރިޖިއްޔާގެ އޮފިޝަލަކާ ހަވާލާދީ ބީބީސީއިން ބުނީ، އެހެން ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ރޭހުގައި އިންޑިއާ ދަތުރު ކުރަމުންދަނީ ހެޔޮ ފާލެއްގައި ކަމަށެވެ.
"ކުރިއަށް އޮތް 2 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ވެކްސިން އެކްސްޕޯޓް ކުރަން ފެށޭނެ. ދެކުނު އޭޝިއާގެ އަވަށްޓެރިންނަށް ވެކްސިން ފޯރުކޮށްދޭން ފެށޭނެ. މީގެ ތެރެއިން ބައެއް ޝިޕްމަންޓަކީ ވިއްކާ ޝިޕްމަންޓް. އަނެއް ބައި ޝިޕްމަންޓަކީ ހަދިޔާގެ ގޮތުގައި ފޯރުކޮށްދޭ ޝިޕްމަންޓް. ވެކްސިން ވިއްކާނީ ސަރުކާރަށްވެސް ވެކްސިން އަގުތަކުގައި ކަމަށް ލަފާކުރެވޭ" ނަން ހާމަނުކުރުމަށް އެދި ވާހަކަދެއްކެވި އިންޑިއާގެ ހާރިޖީ އޮފިޝަލާ ހަވާލާދީ ބީބީސީއިން ރިޕޯޓްކޮށްފައިވެއެވެ.
އިންޑިއާގެ ފެޑެރަލް ހެލްތު ސެކްރެޓަރީ ރާޖޭޝް ބުޝާން ވަނީ، މި މަހުގެ މެދަކާ ހިސާބުގައި އިންޑިއާގައިވެސް އާންމު އުސޫލުން ވެކްސިން ދިނުމުގެ މަސައްކަތް ފެށިދާނެ ކަމުގެ އިޝާރާތެއް ކުރައްވާފައެވެ.
އިންޑިއާއިން ވެކްސިން އެކްސްޕޯޓް ކުރުމަށް ހުރަސްތަކެއް ކުރިމަތި ކުރާ ކަމުގެ ވާހަކަތަކެއް ފެންމަތިވީ، އޮކްސްފޯޑާއި އަސްޓްރާޒެނީކާގެ ވެކްސިން، ސިނާއީ ފެންވަރުގައި ތަރައްގީ ކުރަމުން އަންނަ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ ސީއީއޯ އަދާރު ޕޫނަވައްލާއާ ހަވާލާދީއެވެ.
އިންޑިއާއިން އެކްސްޕޯޓް ކުރާ ވެކްސިން ޝިޕްމަންޓްއިން ރާއްޖެއަށްވެސް ވެކްސިން ލިބޭކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވެއެވެ. ދަ ޕްރެސްއިންވާނީ މި ސުވާލު، ހެލްތު އެމާޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ ނަޒުލާ ރަފީގަށް މި ސުވާލު ދަންނަވާފައެވެ.