އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ލޮސްއެންޖަލީސް (އެލްއޭ) ކައުންޓީގައި ކޮންމެ 6 ސިކުންތަކުން މީހަކު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޖެހޭ ކަމަށް އެ ކައުންޓީގެ މޭޔަރު އެރިކް ގަރްސެއްޓީ ވިދާޅުވެއްޖެއެވެ.

އެލްއޭގައި ހަލުވިކަމާއެކު ބަލި ފެތުރެމުން ދަނީ އާބާދީގެ ބޮޑުކަމުން ކަމަށާ، ހަމަ އެހެންމެ ގެތަކުގައިވެސް ބަލިމަޑުކަން ފެތުރެމުން ދިއުމުގެ ސަބަބުން ކަމަށް މޭޔަރު ވިދާޅުވިއެވެ. ކުރިއަށް އޮތީ، އިތުރަށް ދަތި، އުނދަގޫ ދުވަސްތަކަށް ވުމުގެ ފުރުސަތު ބޮޑު ކަމަށްވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ސީބީއެސްއިން ގެނެސްދޭ ފޭސް ދަ ނޭޝަން ޕްރޮގްރާމްގައި ވާހަކަދައްކަމުން އެލްއޭގެ މޭޠަރު ވިދާޅުވީ އެ ކައުންޓީގެ 95 ޕަސެންޓް ރަށްވެހިންގެ އަމަލުތައް ހުރީ ރަނގަޅަށް ކަމަށް ކަމުގައި ވީ ނަމަވެސް، މިއީ ނުރައްކާތެރި ބަލިމަޑުކަމެއް ކަމަށެވެ. ވެކްސިނާއިއެކު އިތުރު އުއްމީދެއް އާވެ، ދިރިއުޅުމުގެ އާ އާންމު ހާލަތަށް ކޮންމެވެސް ވަރެއްގެ ދުލެއް ދެވުނު ކަންވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮވިޑް-19އިން ދިފާއުވުމަށް އެމެރިކާގައިވެސް ފުޅާ ދާއިރާއެއްގައި ވެކްސިން މަޝްރޫއު ވަނީ ފަށާފައެވެ. ނަމަވެސް ފެޑެރަލް ސަރުކާރުން އެލްއޭއަށް ކަނޑައެޅި ވެކްސިން ޝިޕްމަންޓް، އެ އަދަދުތަކަށް ނުލިބޭ ކަން ގަރްސެއްޓީ ވަނީ ފާހަގަ ކުރައްވާފައެވެ. މިހާރު ކުރިއަށްދާ ދުވެލީގައި ވެކްސިން މަޝްރޫއު ކުރިއަށް ދާނަމަ، ބޭނުން ވާ މިންވަރަށް ވެކްސިން ލިބޭނީ 6 މަސް ދުވަހުގެ ތެރޭގައި ނޫން ކަމަށާ، މިކަމަށް 5 އަހަރު ހޭދަ ވާނެ ކަމަށް ވިދާޅުވެ، އެލްއޭގެ މޭޔަރު ވަނީ ފާޑުވިދާޅުވެފައެވެ.

އެލްއޭ ކައުންޓީއުން ހޮނިހިރު ދުވަހު އެކަނިވެސް 15701 ކޭސް ވަނީ ރެކޯޑް ކޮށްފައެވެ. މިއާއެކު އެ ސަރަހައްދުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 806210 އަށް އަރާފައެވެ. އެލްއޭގެ ސިއްހަތާ ބެހޭ ޑިޕާޓްމަންޓްގެ ރެކޯޑްތަކުން ދައްކާ ގޮތުގައި، ޑިސެމްބަރު 29 ވަނަ ދުވަހުގެ ނިޔަލަށް 357420 ޑޯޒްގެ ވެކްސިން ފޯރުކޮށްދީފައި ވީ ނަމަވެސް، މިހާތަނަށް އާންމުންނަށް ދެވިފައި ވަނީ 82886 ޑޯޒްގެ ވެކްސިނެވެ.